ފެންބޮޑުވާ މައްސަލަ ހައްލުކުރަން މާލެ ސިޓީ ކައުންސިލުން އިތުރު 2 ޕަމްޕު ގެންނަނީ

ބޯކޮށް ވަރޭވެވޭ ދުވަސްވަރު މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، އިތުރު ގްލޯބަލް ދެ ޕަމްޕު ގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ، އިތުރު ދެ ޕަމްޕު ގެންނަން ނިންމީ މިއަދު ކުރިއަށް ދިޔަ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 187 ވަނަ ރަސްމީ އާންމު ޖަލްސާގައި ކަމަށެވެ. މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އަލަށް ގެނައުމަށް ނިންމާފައިވާ ޕަމްޕުތައް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ހެންވޭރު ކޮޅުގައި ކަމަށެވެ. ހިތްފަސޭހަ ސިޓީއެއްގެ ގޮތުގައި މާލެ ބޭވުމަކީ، ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ގެނައި ދެ ޕަމްޕު މިހާރު ވަނީ އޮޕަރޭޓްކޮށް މެއިންޓެއިންސްގެ ކަންކަން ބެލެހެޓުމަށް، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއާ ހަވާލުކޮށްފައި ކަމަށެވެ. އެ ދެ ޕަމްޕު ބޮޑަށް ބޭނުން ކުރަމުން އަންނަނީ، މާލޭ ސިޓީގައި އެންމެ ބޮޑަށް ފެން ބޮޑުވާ، މާފަންނު ކޮޅުގައެވެ. "މާލޭގައި ފެން ބޮޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނަތާ 20، 30 އަހަރު ވެއްޖެ. މި ކަން ހައްލުނުވެ، މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، އެތަކެއް ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުން ލިބޭ،" މޭޔަރު ވިދާޅުވިއެވެ. އެންމެ ފުރަތަމަ މާލެ ސިޓީ ކައުންސިލުން ގެނައި ދެ ޕަމްޕަކީ ވެސް، ކައުންސިލްގެ ޓެކްނިކަލް ޓީމަކުން ޚާއްސަ ދިރާސާތަކެއް ހެދުމަށް ފަހު، ގެނައި ޕަމްޕުތަކެކެވެ. މިހާރު މާލޭގައި ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕުތަކަށް ވުރެ 10 ގުނަ ބާރު މިނުގައި، މިއިން ކޮންމެ ޕަންޕަކުން ވެސް ފެން ހިންދައެވެ. މާލޭ ސިޓީ ކައުންސިލުން ފެން ހިންދުމަށް މި އަހަރުގެ ކުރީ ކޮޅު ރާއްޖެ ގެނައި ދެ ޕަމްޕަކީ، ފެން ގަނޑު ތެރޭގައި ހުންނަ، ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ފެން ބޭރު ކޮށްލެވޭ ޕަމްޕެއް ކަމަށާއި، މި ޕަމްފުން މިނެޓަކު 11،356.24 ލީޓަރުގެ ފެން ބޭރު ކޮށްލެވޭނެ ކަމަށް ވެސް، އާޒިމް ވިދާޅުވިއެވެ. އަދި މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕުތައް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. މާލޭގައި މީގެ ކުރިން ފެންހިން ދަމުންއައީ ދޯނިފަހަރުގައި، ދިޔަހިއްކުމަށް ބޭނުންކުރާ ކަހަލަ ޕަމްޕު ތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ