ބޭބެ ގެއްލުނުކަން އެންްގި، ދެން ވީގޮތެއް ނޭނގޭ: އާއިލާ

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި، އިފުރު އައިލެންޑް ރިސޯޓުން ސްނޯކަލްއަށް ގޮސް އުޅެނިކޮށް ގެއްލުނު އިންޑިއާގެ މުވައްޒަފު ހޯދުމަށް، ކަމާ ގުޅޭ އިދާރާތަކުގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އާއިލާއިން ޝަކުވާކޮށްފި އެވެ.
ވީ ކިހިނެއް؟- ގެއްލިފައިވަނީ އެ ރިސޯޓުގައި ޝެފެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އުމުރުން 27 އަހަރުގެ އާފްތާބް ހާނެވެ. އިންޑިއާގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން އޭނާގެ އާއިލާއިން ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގު ނުވަތަ އާފްތާބް ހޯދުމަށް ކުރާ މަސައްކަތުގެ ކުރިއެރުމެއް އެ މީހުންނަށް ނުލިބޭ ކަމަށެވެ.
އިންޑިއަންއެކްސްޕްރެސްއާ ވާހަކަ ދައްކަމުން، އާފްތާބްގެ ކޮއްކޮ މުޖީބް ހާން ބުނީ:
ބޭބެއާ އެންމެ ފަހުން ވާހަކަ ދެއްކީ، ޖެނުއަރީ 27ގެ ހަވީރު ކަމަށް
އޭގެ ދެ ގަޑިއިރު ފަހުން ރިސޯޓުން ގުޅައި، ސްނޯކަލްއަށް ގޮސް އުޅެނިކޮށް އާފްތާބް ގެއްލިގެން އުޅޭ ކަމަށް އެންގި
އޭނާ ދިޔައީ ރިސޯޓުގެ އިތުރު ދެ މުވައްޒަފުންނާ އެކީގައި ކަމަށާއި ރިސޯޓުން ހޯދަމުން އަންނަ ކަމަށް އެންގި
އޭގެ ފަހުން އާއިލާއަކަށް އާފްތާބްގެ ހަބަރެއް ނުވާ ކަމަށް އޭނާގެ ކޮއްކޮ ބުންޏެވެ. ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ގޮތް ލިބޭތޯ ބެލުމަށް މުޖީބް ހާނާއި އެ މީހުންގެ ވަކީލް ވެސް، އޭގެ ހަތަރު ދުވަސް ފަހުން ރާއްޖެ އަ އެވެ. އެކަމަކު ބުނީ، އެކަމުގައި، ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުގެ އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށެވެ.
އަދި އާފްތާބް ގެއްލުނު ކަމުގެ އެއްވެސް ޑޮކިއުމަންޓްރީ ހެއްކެއް އަދި އޭނާގެ ފޯނު ވެސް ރިސޯޓުން ނުލިބުނު ކަމަށް، ނޫހާ ވާހަކަ ދައްކަމުން މުޖީބު ބުނެފައި ވެ އެވެ.
މި މައްސަލައިގެ ތެރެއަށް އިންޑިއާގެ ދިއްލީ ހައި ކޯޓުން ވެސް މިހާރު ވަނީ ވަދެފަ އެވެ.
އާއިލާއިން ކުރި ދައުވާއަކާ ގުޅިގެން، ހައި ކޯޓުން މިހާރު ވަނީ އާފްތާބް ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބެލުމަށް އިންޑިއާގެ ކަމާ ގުޅޭ އިދާރާތަކަށް އަމުރުކޮށްފަ އެވެ. އެގޮތުން:
ރާއްޖޭގެ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން، އޭނާ ވީތަނެއް ހޯދުމަށް ކުރާ މަސައްކަތާއި އެކަމުގެ އަޕްޑޭޓް ބެލުމަށް އިންޑިއާގެ ފޮރިން މިނިސްޓްރީ އާއި ހައިކޮމިޝަނުގެ މައްޗަށް ވަނީ އަމުރުކޮށްފައި 
އަދި އޭނާ މަރުވެފައިވާ ކަން ޔަގީން ކުރެވިއްޖެ ނަމަ، އެންމެ ފަހުގެ އިހްތިރާމް އަދާކުރުމުގެ އިންތިޒާމް އާއިލާގެ ހާޒިރުގައި ކުރިއަށް ގެންދިޔުމަށް އެދިފައިވޭ
އޭގެ އިތުރުން، ރިސޯޓާ ގުޅިގެން އާފްތާބްގެ ފޯނު އާއިލާއަށް ހޯދައިދިނުމަށް ވެސް އިންޑިއާގެ ކަމާ ގުޅޭ އިދާާރާތަކަށް އަމުރުކޮށްފައިވޭ
އާފްތާބްގެ އާއިލާއިން ބުނިގޮތުގައި މީގެ އަހަރެއް ކުރިން ރާއްޖެ އައި އެ ޒުވާނާއަކީ އާއިލާގެ ހުރި ވަޒީފާ އަދާކުރާ ހަމައެކަނި މީހާ އެވެ. މުސްކުޅި މައިންބަފައިންނާ އެކު ދެން ތިބެނީ ޒުވާން ތިން ކޮއްކޮ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ