ކުޅުދުއްފުށި ސިޓީގެ ދަމަނަވެއްޓާއި 4 ރަށެއްގެ ހޮސްޕިޓަލާއި ސިއްޙީ މަރުކަޒު އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީ ދަމަނަވެއްޓާއި 4 ރަށެއްގެ ހޮސްޕިޓަލް އިމާރާތާއި 4 ރަށުގެ ސިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ސަރުކާރުގެ 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ. 
މި މަޝްރޫޢުގެ ދަށުން، ހދ. ހަނިމާދޫ ހޮސްޕިޓަލް، އދ. މާމިގިލި ހޮސްޕިޓަލް، ކުޅުދުއްފުށި ދަމަނަވެށި އަދި ކ. ގާފަރު ސިއްޙީ މަރުކަޒު އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހެއިރެވެ. 
ހަމައެއާއެކު، ތ. ވިލުފުށި ހޮސްޕިޓަލާއި، ވ. ފެލިދޫ ހޮސްޕިޓަލް އަދި ށ. މާއުނގޫދޫ ސިއްޙީ މަރުކަޒާއި، ނ. ފޮއްދޫ ސިއްޙީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޢަބްދުﷲ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. 
މީގެ އިތުރުން، ހދ. މަކުނުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމްއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހްއެވެ. 
މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ސިއްޙީ ވުޒާރާއިން ބުނެއެވެ. މި މަސައްކަތްތައް ނިމުމުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ