މަޖިލީހު ރައީސް އަބްދުއްރަހީމް ދެއްވި ތަރާވީހުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި މަޖިލީހު ރައީސް އަބްދުއްރަހީމް ދެއްވި ތަރާވީހުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހިމް އަބްދުﷲ ރޭ ދެއްވި ތަރާވީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ތަރާވީހުގައި ރައީސް މުއިއްޒުގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުން ބައިވެރިވަޑައިގެންނެވި އެވެ.
އަބްދުއްރަހީމްގެ ދައުވަތު ގަބޫލު ކުރައްވައި ރައީސް މުއިއްޒު ތަރާވީހުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެ މަނިކުފާނާއި އަބްދުއްރަހީމްގެ ގުޅުން އަދިވެސް މުޅިން ރަނގަޅު ނުވާ ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ދިނެވެ.
އެ ދެ ބޭފުޅުންގެ ދެމެދުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ނުތަނަސްކަމުގެ ހުޅުފަޅައިގެން ދިޔައީ ޖެނުއަރީ 28، ގައި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މަގާމުން ވަކި ކުރެއްވުމާ ގުޅިގެންނެވެ.
އެ ދުވަހު އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އޮތް ގުޅުން ހީނަރުނުވާ ނަމަ ފައިސަލް މަގާމުން ވަކި ނުކުރީސް ކަމަށެވެ.
އެއަށް ފަހު ރައީސް މުއިއްޒު އާއި އަބްދުއްރަހީމްގެ ވަކިން ބައްދަލު ކުރައްވާފައެއް ނުވެ އެވެ.
ތަރާވީހުގައި ބައިވެރިވެވަޑައިގެންނެވި މަޖިލީހުގެ މެންބަރުނާއި ސަރުކާރުގެ ވެރިންނާ ރައީސް މުއިއްޒު ސަލާމް ކުރައްވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ފެބްރުއަރީ 20، 2025 ގައި ރައީސް މުއިއްޒު އާއި އަބްދުއްރަހީމް ރައީސް އޮފީހުގައި ބައްދަލު ކުރެއްވިއިރު، ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލުވުން ބޭއްވީ މަޖިލީހުގެ އާ ދައުރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމަށް މަޝްވަރާ ކުރެއްވުމަށް ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވެ އެވެ.
ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު މައްސަލަ ޖެހެން ފެށީ އަބްދުއްރަހީމް "އެކަހެރިކޮށްލުމުން" ކަމަށް އޭނާއާ ގާތް ބައެއް މީހުން ވަނީ އަދަދު އާ ވާހަކަ ދައްކަމުން ބުނެފަ އެވެ. ރައީސް މުއިއްޒު، އަބްދުއްރަހީމް ދުރުކޮށްލެއްވީ އޭނާގެ ސިޔާސީ "އެމްބިޝަން" މާ މަތީގައި ހުރުމުން ކަމަށް އަބްދުއްރަހީމްއާ ގާތް ބޭފުޅުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ