ސައުތު އޭޝިއަން ގޭމްސް އަށް އިންޑިއާގެ އެތުލީޓުން ފޮނުވިދާނެތޯ ސުވާލު އުފައްދައިފި ސައުތު އޭޝިއަން ގޭމްސް އަށް އިންޑިއާގެ އެތުލީޓުން ފޮނުވިދާނެތޯ ސުވާލު އުފައްދައިފި

މުމްބާއީ، އިންޑިއާ (މާޗް 12) - އަންނަ އަަހަރުގެ ޖެނުއަރީ މަހު ޕާކިސްތާނުގައި ބާއްވަން ތާރީހު ވެސް ފައިނަލްކޮށްފައިވާ، ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރަން އެ ގައުމަށް އިންޑިއާ އެތުލީޓުން ފޮނުވިދާނެތޯ، އިންޑިއާގެ މީޑިއާތަކުން ސުވާލު އުފައްދައިފި އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އަންނަ އަހަރުގެ ޖެނުއަރީ 23 އިން 31 އަށް ޕާކިސްތާނުގެ ލާހޯރު، ފައިސަލްއާބާދު އަދި އިސްލާމްއާބާދުގައި ކުރިއަށްގެންދާ ގޮތަށް ނިންމާފައި އޮތް ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ސައުތު އޭޝިއަން ގޭމްސްގައި އިންޑިއާގެ ބޮޑު ކޮންޓިންޖެންޓެއް ފެނުމުގެ ފުރުސަތު ކުޑަ އެވެ.
އެއީ، ދާދި ފަހުން، ޕާކިސްތާނުގައި ހޯސްޓްކުރި، އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި އިންޑިއާ ކުޅުނު ހުރިހާ މެޗެއް ހޯސްޓްކުރީ، ދުބާއީގަ އެވެ. އޭގެ ތެރޭގައި، އިންޑިއާ އާއި ޕާކިސްތާނުން ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗު ވެސް ހިމެނެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިންޑިއާގެ އޮލިމްޕިކް ކޮމިޓީން އަންނަނީ އެ ގައުމުގެ ސަރުކާރާ އެކު، ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވުމުގެ މަޝްވަރާތަކެއް ކުރިއަށްގެންދަމުންނެވެ. އެކަމަކު، މިހާތަނަށް އެކި މަސްދަރުތަކުން އިންޑިއާގެ މީޑިއާ އަށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު، ސަރުކާރުން އޮތީ ސައުތު އޭޝިއަން ގޭމްސް އަށް އިންޑިއާގެ ގިނަ އެތުލީޓުންތަކެއް ފޮނުވުމުގެ ބަދަލުގައި، ވީހާވެސް ކުޑަ ކޮންޓިންޖެންޓަކާ އެކު ކުރިއަށްދިއުމަށް ލުޔެއް ދޭ ވިސްނުމެވެ.
މީގެ ކުރިން، ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ. އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލުގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ. އޭގެ ކުރިން ބޭއްވީ 2016 ވަނަ އަހަރު، ފެބްރުއަރީ މަހު، އިންޑިއާގެ ޝިލޯން އާއި ގުވަހާޓީގަ އެވެ. އެ ދެ ފަަހަރު ވެސް ގޭމްސް ބޭއްވުނީ އެކި ފަހަރު މަތިން ޝެޑިއުލްކޮށްގެންނެވެ. އެންމެ ފަހުން ދެ ފަހަރު ވެސް ސައުތު އޭޝިއަން ގޭމްސް ބޭއްވުނީ ކަނޑައެޅި މުއްދަތަށް ވުރެ ފަހުންނެވެ.
އަންނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ކުރިއަށްގެންދަން، ޖުމްލަ އެކު، 27 ކުޅިވަރު ހަރަކާތެއް ވަނީ އެސްއޭއޯސީން މި ވަގުތަށް ފާސްކޮށްފަ އެވެ. މި ކުޅިވަރުތަކާ ބެހޭ ހުރިހާ ކަމެއް އެޕްރޫވްކުުރުމަށް މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ވަނީ މުއްދަތެއް ކަނޑައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ