ކާޖޮލް އަލަށް ކުޅޭ ބިރުވެރި ފިލްމު 'މާ' މި އަހަރުގެ ޖޫންގައި
ބޮލީވުޑްގެ ބަތަލާ ކާޖޮލް ފުރަތަމަ ފަހަރަށް ކުޅޭ ބިރުވެރި ފިލްމު "މާ"ގެ ޕޯސްޓަރު އާއްމުކޮށް ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ. މިތޮލޮޖިކަލް ހޮރޯ ފިލްމު "މާ" އަކީ ކާޖޮލްގެ ފިރިމީހާ އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު ކުންފުނި، ދޭވްގަން ފިލްމްސް އާއި ޖިއޯ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މި ދެ ކުންފުނި ގުޅިގެން ގެނެސްދިން މަގުބޫލު ފިލްމުތަކުގެތެރޭ އަޖޭ މުހިއްމު ރޯލް ކުޅުނު ބިރުވެރި ފިލްމު "ޝައިތާން" ހިމެނެއެވެ. ފިލްމު "މާ"ގައި ކާޖޮލް ފެންނާނީ އާއިލާއަށް ދިމާވާ ބިރުވެރި ހާދިސާތަކުން އާއިލާގެ މެމްބަރުން ސަލާމަތް ކުރުމަށް މަސައްކަތްކުރާ ޖެހިލުންކުޑަ އެހާމެ ހިތްވަރުގަދަ މައެއްގެ ރޯލްއިންނެވެ. ކާޖޮލްއާ އެކު މި ފިލްމުގެ މުހިއްމު ރޯލްއިން ފެންނާނެ ތަރިންގެތެރޭ ރޮނިތު ރޯއި، އިންދްރަނީލް ސެންގުޕްތާ އަދި ހެރިން ޝަރުމާ ހިމެނެއެވެ. ބަތަލާ ކާޖޮލް ފިލްމު "ދޯ ޕައްތީ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް އާއްމުންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "ޝައިޠާން"ގެ ޓީމުން ގެނެސްދޭ ފިލްމަކަށްވުމުން ފިލްމާ މެދު ކުރެވޭ އުއްމީދުތައް ބޮޑެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 27ގައެވެ. ބަތަލާ ކާޖޮލް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ނެޓްފްލިކްސްއިން ޕްރިމިއާކުރި ތުރިލާ ފިލްމު "ދޯ ޕައްތީ"އިންނެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ތަޖުރިބާހުރި ބަތަލާއިންގެތެރޭ ހިމެނޭ ކާޖޮލް މިހާރު ބޭނުން ވަނީ މީގެކުރިން ބަތަލާ ކުޅެފައި ނުވާ ޖޯންރާގެ ފިލްމުތައް ކުޅުމަށެވެ. ފިލްމު "ދޯ ޕައްތީ"ގައި ކާޖޮލް ފެނިފައިވާ ރޯލަކީ ވެސް މީގެކުރިން ކެރިއަރުގައި ކުޅުމުގެ ފުރުސަތު ލިބިފައި ނެތް ރޯލެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ