މިއުނިކް (ޖޫން 4) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ގަަދަބާރު، އަލް ހިލާލުން ބޮޑު އޮފާއެއް ލިބުނު ކަމަށާއި އެ އަށް ފުރަގަސްދިނީ މަތީ ލެވަލްގައި އަދިވެސް ފުޓްބޯޅަ ކެރިއަރު ކުރިއަށްގެންދަން ބޭނުންވާތީ ކަމަށް ބްރޫނޯ ފެނާންޑޭސް ބުނެފި އެވެ.
ޔުނައިޓެޑަށް އަންނަ ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތަކުން ފުރުސަތު ނުލިބުމުން، ދިމާވާނެ މާލީ ދަތިތަކަށް ބަލައި، އެ ކްލަބްގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ޓްރާންސްފާ ލިސްޓުގައި ހިމެނުމާ އެކު، އެ ޓީމުގެ ކެޕްޓަން، ފެނާންޑޭސް، 30، އަށް އަލް ހިލާލުން ބޮޑު މުސާރައާ އެކު، އޮފާއެއް ވަނީ ލިބިފަ އެވެ. ފެނާންޑޭސް، ވިއްކާ ކުޅުންތެރިންގެ ލިސްޓަށް ލުމާ އެކު، އޭނާ އަށް އަލް ހިލާލުން ވަނީ ބޮޑު ޑީލެއް ދީފަ އެވެ. އަންނަ މަހު ފީފާ ކްލަބް ވޯލްޑް ކަޕްގައި ވެސް ކުޅޭ އަލް ހިލާލުން ވަނީ، ފެނާންޑޭސްގެ ސޮއި ހޯދަން، 100 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. އެ ގޮތުން، ހިލާލުން ފެނާންޑޭސް އަށް ދޭ ކޮންޓްރެކްޓުން ސީޒަނެއްގައި އޭނާގެ އާމްދަނީ، 60 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ފެނާންޑޭސް ބުނީ، ޔުނައިޓެޑް ދޫކޮށްނުލުމަށް، އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް އެދުނު ކަމަށާއި އެ ކްލަބުން ވެސް އޮތީ އޭނާ ވިއްކާ ގޮތަކަށް ނޫން ކަމަށެެވެ.
"ޔުނައިޓެޑުން ވެސް ބުނި އަހަރެން ވިއްކާލަން ބޭނުންނޫން ކަމަށް. އެ މީހުން ބުނި، އަހަރެން ދާން ބޭނުމިއްޔާ ދިޔަސް މައްސަަލައެއް ނެތް ކަމަށް، އެ ކަމަކު އެއީ ފައިސާ ބޭނުންވެގެން ކުރާނެ ކަމެއް ނޫން ކަމަށް. މި މުޅި ކަންތައްތަކުގެ ތެރޭގައި، ކޯޗު އަމޮރިމް އަހަންނާ ދިޔައީ ވާހަކަ ދައްކަމުން، ކްލަބްގައި މަޑުކުރަން،" ފެނާންޑޭސް ބުންޏެވެ.
ފެނާންޑޭސް ބުނީ، އަލް ހިލާލުން ލިބުނީ ޝައުުގުވެރި ހުށަހެޅުމެއް ކަމަށާއި އަދި އެ އަށް ރުހުން ދޭން ވެސް ފަސޭހަވާނެ ކަމަށެވެ. އެއީ، ޕޯޗުގަލްގެ ގިނަ ކުޅުންތެރިންތަކެއް މި ވަގުތު ވެސް ސައުދީ ޕްރޯ ލީގުގައި ކުޅެމުން އަންނާތީކަން ފެނާންޑޭސް ފާހަގަކުރި އެވެ. އެކަމަކު، އާއިލާއާ މަޝްވަރާ ކުރުމަށް ފަހު، ފެނާންޑޭސް ޔުނައިޓެޑްގައި މަޑުކުރަން ނިންމީ ކެރިއަރުގައި އަދިވެސް ހާސިލްކުރަން ބޭނުންވާ ކަންކަން ހުރުމުން ކަމަށް ވަނީ ބުނެފަ އެވެ.
ސްޕޯޓިން ލިޒްބަންގެ ކުރީގެ ކެޕްޓަން، ފެނާންޑޭސް، 30، ޔުނައިޓެޑާ ގުޅުނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެއީ 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އޭނާ ވަނީ، ފުރަތަމަ ފަހަރަށް 2022 ވަނަ އަހަރު ޔުނައިޓެޑާ އެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކޮންޓްރެކްޓް އޮތީ، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ފެނާންޑޭސް، ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމުގެ ވާހަަކަތަކެއް ދެކެވެން ފެށުމާ އެކު، އެ ކްލަބުން މީގެ ހަތް މަސް ކުރިން ވަނީ ފެނާންޑޭސްގެ ކޮންޓްރެކްޓް، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ.
ފެނާންޑޭސް ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 290 މެޗުން 98 ގޯލު ޖަހައިފަ އެވެ.
ފެނާންޑޭސް ހުރީ ޔުނައިޓެޑް ދޫކޮށްލާ ގޮތަކަށެއް ނޫން ފެނާންޑޭސް ހުރީ ޔުނައިޓެޑް ދޫކޮށްލާ ގޮތަކަށެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ