އެސްއެސްޓީވީން ގެނެސްދޭ "ލޯބީގެ ޢާލަމް": ލޯބީގެ ތަފާތު ވާހަކަތަކެއް
"ލޯބި" މި ލަފުޒު އަޑުއިވުމުން ފުރަތަމަ ވެސް ސިފަ ވަނީ އިޝްގީ ލޯތްބެވެ. ނަމަވެސް، ލޯތްބަކީ އިޝްގީ ލޯބި އެކަންޏެއް ނޫނެވެ. ލޯބީގެ ތަފާތު ވައްތަރުތައް ހުރެއެވެ. އޭގެތެރޭގައި، އެކުވެރިކަމުގެ ލޯތްބާއި، މައިންބަފައިން ދެކެވާ ލޯތްބާއި، މަސައްކަތާއި ވެށި ދެކެ ވާ ލޯތްބާއި ޢާއިލީ ލޯބި ހިމެނެއެވެ. މި ރަމަޟާންމަހު އެސްއެސްޓީވީން ގެނެސްދޭ ޕްރޮގްރާމް "ޢުމަރުގެ ލޯބީގެ ޢާލަމު" އަކީ މިފަދަ ތަފާތު ލޯބީގެ ވާހަކަތައް ކިޔައިދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ލޯބީގެ އެތައް ވާހަކައެއް، އޭގެ އެންމެ ފުރިހަމަ މާނައިގައި އެންމެ ފުން އިހުސާސްތަކާ އެކު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެއެވެ. އުމަރުގެ ލޯބީގެ ޢާލަމް -- މި ޕްރޮގްރާމުގައި ބެލުންތެރިންނާ ބައްދަލު ކުރާނީ ދިވެހީންގެ މެދުގައި ވަރަށް މަޤްބޫލުވި ލަވަ "ލޯބީގެ މި ޢާލަމުގައި" ކިޔައިފައިވާ މަޝްހޫރު ލަވަކިޔުންތެރިއާ އުމަރު ޒާހިރެވެ. ރަމަޟާން މަހުގެ ކޮންމެ ހަފުތާއަކު ޕްރޮގްރާމެއް ގެނެސްދޭ އިރު، ޖަޒުބާތީ ވާހަކަތަކުގެ އިތުރުން، އުމަރުގެ ހަތަރު ލަވައެއް މި ސިލްސިލާގެ ކޮންމެ އެޕިސޯޑަކުން ފެންނާނެއެވެ. އުމަރުގެ ލޯބީގެ ޢާލަމް -- މި ޕްރޮގްރާމުގައި ގެނެސްދޭ ވާހަކަތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެނެސްދޭ ވާހަކަތަކެވެ. އެގޮތުން މި ޕްރޮގްރާމު ނަގާފައިވާ ރަށްތަކުގެ ތެރޭގައި ލ. މާވަށް، ބ. ދަރަވަންދޫ އަދި ކ. ގުޅި އާއި މާލެ ހިމެނެއެވެ. ޕްރޮގްރާމުގައި އެ ރަށްތަކަށް ނިސްބަތް ކުރަނީ "ޢުމަރުގެ ލޯބީގެ މަންޒިލް"ތަކުގެ ގޮތުގައެވެ. މި ޕްރޮގްރާމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ސަން ސިޔާމް މީޑިއާގެ ޗީފް ކޮންޓެންޓް އޮފިސަރު، މުހައްމަދު ޒަހީން ވިދާޅުވީ މި ސިލްސިލާ އެންމެ ހިތްގައިމުވެގެންދާނީ ޒަމާނުއްސުރެ ދިވެހީން ލޯބިކުރަމުންއައި ޢުމަރުގެ ހިތްގައިމު އަޑުން ޢުމަރުގެ އެހާމެ ރީތި ލަވަތައް އަނެއްކާވެސް އިވިގެންދާނެތީއެވެ. އުމަރުގެ ލޯބީގެ ޢާލަމް -- "އުމަރުގެ ލަވަތަކުގެ ތެރެއިން ގެނެސްދޭނީ އޭނަ ކުރިން ކިޔާފަ ހުރި ލަވަތައް. އެކަމަކު އެ ލަވަތަކުގެ މިއުޒިކު އަލުން ހަދާ، ބޭނުންކުރެވޭ ގޮތަށް ކޮމްޕޯސް ކޮށްފައި ހުންނާނީ. މި ލަވަތަކުގެ ހުރިހާ މިއުޒިކެއް ހަދައި ރިކޯޑު ކޮށްދީފައި ވާނީ މަޝްހޫރު މިޔުޒިކީ ފަންނާނު ސޮބާ. ހުރިހާ ލަވައެއް ކިޔާފަ ހުންނާނީ އުމަރު" ޒަހީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޕްރޮގްރާމުގައި ހިމެނޭ ލަވަތަކަކީ ވަރަށް އަސަރު ގަދަ. އެކި ބާވަތްތަކުގެ ލޯބި ދައްކުވައިދޭ ވާހަކަތަކެއް ކަމަށެވެ. އަދި މިލަވަތަކުވެ އިތުރުން ޢުމަރު މި ޕްރޮގްރާމްތައް ހުށަހެޅުމަކީ ވެސް ޝައުޤވެރިކަން އިތުރުވެގެންދާނެކަމެކެވެ. އުމަރުގެ ލޯބީގެ ޢާލަމް -- "މީގެ ބޭނުމަކީ ޕްރޮގްރާމު ބަލާ މީހުންނަށް ލޯބީގެ އިހުސާސް ވަރަށް ފުންކޮށް ކުރާނެ ގޮތަކަށް ގެނެސްދިނުން،" އޭނާ ވިދާޅުވިއެވެ. ވަރަށް ފުން އަސަރުކުރުވާނެ ތަފާތު ވާހަކަތައް ވެސް ހިމެނޭ "ޢުމަރުގެ ލޯބީގެ ވާހަކަ" އެސްއެސްޓީވީން ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެރޭ ގެނެސްދޭނެއެވެ. އަދި އެއަށްފަހު ކޮންމެ ހަފުތާއަކު ހޮނިހިރު ދުވަހުގެ ރޭ ތަފާތު ލަވަތަކާއި ތަފާތު ވާހަކަތައް ޢުމަރު ގެނެސްދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ