ސުޕްރީމް ކޯޓުން ސުއޫދު ބޭރު ކުރަން ޖެހޭ ކަމަށް މެންބަރު އިމްރާން ވިދާޅުވެއްޖެ ސުޕްރީމް ކޯޓުން ސުއޫދު ބޭރު ކުރަން ޖެހޭ ކަމަށް މެންބަރު އިމްރާން ވިދާޅުވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އެ މަގާމުން ވަކިކުރަން ޖެހޭ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން އިމްރާން ލަތީފް ވިދާޅުވެއްޖެ އެވެ.
ހެންވޭރު ދެކުނު ދާއިރާއަށް ނިސްބަތްވާ މީހުން ތިބި ވަޓްސްއަޕް ގްރޫޕަކަށް އިމްރާން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ސިޔާސީ ބޭނުމަށް މަރު ކޮމިޝަން ހަދައިގެން އެތައް ބަޔަކަށް ގުއަންޓަނާމޯ ޖަލު ރާއްޖޭގައި ހަދައިގެން އަނިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ.
"މީ އަޅުގަނޑަށް ސިޔާސީ ބޭނުމެއް. މަރު ކޮމިޝަން ހަދައިގެން އެތަައް ބަޔަކަށް ގުއަންޓަނާމޯ ޖަލު ރާއްޖޭގައި ހަދައިގެން އަނިޔާ ދިން ސުއޫދު ބޭރު ކުރަން ލިބޭ ހަމައެކަނި ފުރުސަތަށް ވުން އެކަށީގެންވޭ،" އޭނާ ފޮނުއްވި މެސެޖުގައި ވިދާޅުވި އެވެ.
އިމްރާން "އަދަދު" އަށް ވިދާޅުވީ ވަޓްސްއަޕް ގްރޫޕްގައި އެގޮތަށް ހިޔާލުފާޅުކުރި ކަމަށާއި ސުޕްރީމް ކޯޓުގެ އަދަދު މަދު ކުރުމަށް ބައެއް ފަނޑިޔާރުން ވަކިވެގެންދާތީ އެއީ އޭނާގެ އަމިއްލަ ހިޔާލު ކަމަށެވެ.
ނަމަވެސް ފަނޑިޔާރުން ވަކިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީން ނިންމި ކަމުގައި ވިޔަސް އޭނާ ދެކޭ ގޮތުގައި ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ނަޒާހަތްތެރިކަމާ މެދު އެންމެ ބޮޑަށް ސުވާލު އުފެދެނީ ސުއޫދުއާ މެދު ކަމަށް އިމްރާން ވިދާޅުވި އެވެ.
"ސިޔާސީ ހަރަކާތްތަކުގައި ރަސްމީ ލެވެލެއްގައި، ސިޔާސީ ކޮމިޝަންތަކުގައި ހަރަކާތްތެރިވެ، އަނެއްކާ މުޒާހަރާތަކަށް ގޮސް އެންމެ ކުރީ ސަފުގައި ލީޑުކޮށް އެގޮތަށް ކަންތައް ކޮށްފައި ތިބި މީހުން އަޅުގަނޑު ގަބޫލެއް ނުކުރަން ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބެން ވާނެ ކަމަކަށް. އެއަށްވުރެ ނަޒާހަތްތެރި ބޭފުޅުން ތިބެންވާނީ،" އޭނާ ވިދާޅުވި އެވެ.
ސުްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސުއޫދު އައްޔަން ކުރެއްވީ 2019 ގެ ޑިސެމްބަރުގެ ތެރޭގަ އެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސުއޫދު ވަނީ ޖޭއެސްސީގެ މެންބަރަކަށް އައްޔަނު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ