މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރަން މުހިންމު ފިޔަވަޅުތަކެއް

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމަށާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ހޯދާދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެންނަން ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ހާމަކުރައްވައިފިއެވެ.
އެ އިދާރާއިން އާއްމުކުރި އާ އުސޫލުގައި ބުނާގޮތުން، އިސްލާހުތަކަށް އަމަލުކުރަން ފަށާނީ 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ރޭ 23:59 އިން ފެށިގެންނެވެ. އެމްޕީއެލްއިން ހާމަކުރައްވާފައިވާ ގޮތުގައި، ބަދަލުތަކަކީ އުޅަނދުފަހަރުތަކަށް ވީހާވެސް ފަސޭހަ އަދި އަވަސް ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ގެންނަ ބަދަލުތަކެކެވެ.
މިހާރު ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، ކުރިން އަމަލުކުރަމުން އައި 5 ދުވަހުގެ މުއްދަތުގެ "ހޯލްޑް" ނުވަތަ ހިފެހެއްޓުން، އުވާލުން ހިމެނެއެވެ. ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން، "އޭ" ޒޯން އަދި "ސީ" ޒޯންގެ ކިއުއަށް ނޯޓުކޮށްފައިވާ އުޅަނދުފަހަރު ފަސް ދުވަހުގެ މުއްދަތަށް ކިއު އިން ކެންސަލް ނުވާގޮތަށް "ހޯލްޑް" ކުރުމަށް އޮތް ފުރުސަތު މުޅިން އުވާލުމަށް މިހާރު ވަނީ ނިންމާފައެވެ. އެހެންނަމަވެސް، "ޕޯސްޓްޕޯން" ނުވަތަ ލަސްކުރުމުގެ ފުރުސަތު، ކުރިންވެސް އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާނެކަމަށް އެ އިދާރާއިން ފާހަގަކުރައްވައެވެ.
މީގެއިތުރުން، އެއް އުޅަނދަކަށް އެއްފަހަރާ އެއް ކިއުއަށް ވުރެ ގިނަ ކިއުތަކުގައި ނޯޓުކުރުމަށް އޮންނަ ފުރުސަތު ވެސް އުވާލުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އުޅަނދެއް "އޭ" ޒޯން، އެކްސްޕްރެސް ޒޯން ނުވަތަ "ސީ" ޒޯން ކިއުގައި ނޯޓުކުރަން އެދޭނަމަ، ނޯޓު ކުރެވޭނީ އެ އުޅަނދަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ކިއުއެއްގައި ކަމަށް އާ އުސޫލުގައި ބުނެފައިވެއެވެ. އެއް ދަތުރެއްގެ ތެރޭގައި އެއްފަހަރާ ގިނަ ކިއުތަކެއްގައި ނޯޓުކުރުމުގެ ފުރުސަތު މީގެ ފަހުން ނުލިބޭނެއެވެ. މި އުސޫލުގެ ބޭނުމަށްޓަކައި "އެއް ދަތުރު" ކަމަށް ބަލާނީ، ނޯތު ހާބަރުގެ ކިއުތަކުން ޖާގަ ދެވި، ކީވޯލަށް އުޅަނދު ކައިރިކޮށް މުދާ އަރުވައި ނިމި، ކީވޯލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ފުރުމުންކަމަށް ވެސް އާ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި ބަދަލުތައް ގެނެސްފައިވަނީ މާލޭ ނޯތު ހާބަރގެ ހިދުމަތް ހޯދާ އޮޑިވެރިންގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިޔާޢަތްކުރުމަށް ފަހުގައި ކަމަށް އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ