ހުޅުމާލޭގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓް އަޅަން ދިވެހި ފަސް ކުންފުންޏަކަށް

އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމަށް ހާއްސަ ކޮށްގެން، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1،000 ހައުސިން ޔުނިޓު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ދިވެހި ފަސް ކުންފުންޏަކާ އެކު ހައުސިން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
ހައުސިން މިނިސްޓްރީން ބުނީ މަޝްރޫއުތައް ހަވާލުކުރީ އިއުލާން ކުރުމުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަސް ކުންފުންޏާ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ފްލެޓްތައް އަޅަން ނިންމާފައި ވަނީ ހުޅުުމާލެ ތިނެއްގައި ކަމަށެވެ. މި މަޝްރޫއުގެ މުއްދަތަކީ ދެ އަހަރާއި ފަސް މަސް ދުވަހެވެ.
ސަރުކާރުން އަލަށް ސޮއިކުރި މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ވިއްކަން ޖެހޭނީ ސަރުކާރުގެ ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށެވެ. އެގޮތުން އިމާރާތް ކުރާ ދެ ކޮޓަރީ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ އެވެ.
ބޯހިޔާވަހިކަމުގެ އެ މަޝްރޫއު ހިންގުމުގެ ބޭނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން މެދުފަންތީގެ އާމްދަނީ ލިބޭ މީހުންނަށް އަތްފޯރާފަށުގައި ބޭންކް މޯގޭޖް ފައިނޭންސް މެދުވެރިކޮށް، ގަނެވޭނެ ފުރުސަތު ތަނަސްވަސް ކޮށްދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ