އަތޮޅުތެރޭގެ 17 ރަށަކަށް ބޭނުންވާ އެމްބިއުލާންސް އެ ރަށްތަކާއި ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ސިއްޚީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި މި އެމްބިއުލާންސްތަކުގެ ތަޅުދަނޑި ސިއްޚީ މަރުކަޒުތަކާއި ވަނީ ހަވާލުކޮށްފައެވެ.
އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި އައު އެމްބިއުލާންސްތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއާއި ހަވާލުކޮށްގެންނެވެ. މިގޮތުން އެކި ބުރުތަކަށް ބަހަލައިގެން މިމަސައްކަތް ކުރިއަށް ގެންދެވޭއިރު މި ބުރުގައި 31 އެމްބިއުލާންސެއް ހޯދުމަށް އެމްޕީއެލްއާ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވަނީ ހަވާލުކުރެވިފައެވެ. މި ބުރުގެ އެމްބިއުލާންސް ހޯދުމުގެ މަޝްރޫޢުގެ ޖުމްލަ އަގަކީ 36.2 މިލިޔަން ރުފިޔާއެވެ.
މިމަޝްރުޢޫގެ ދަށުން މީގެ ކުރިން މިއަހަރުގެ މާރިޗުމަހު 14 އެމްބިއުލާންސެއް ސިއްޚީ ޚިދުމަތްދޭ މަރުކަޒުތަކާއި ވަނީ ހަވާލުކޮށްފައެވެ. ބާކީ 17 އެމްބިއުލާންސް ހަވާލުކުރުމަށް ސިއްޚީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި އެމްބިއުލާންސްތަކުގެ ތަޅުދަނޑި އަދި އެމްބިއުލާންސްގެ މެނުއަލް ހަވާލުކޮށްދެއްވީ ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ އެވެ. ރަށްރަށުން އެމްބިއުލާންސްތަކާއި ހަވާލުވީ އެ ސިއްޚީ މަރުކަޒުތަކުންނެވެ. މިރަސްމިއްޔާތުގައި އެމްބިއުލާންސް ލިބޭ ރަށްތަކުގެ މަޖިލިސް މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިއްޚީ ވަޒީރު ޤީލާ ވަނީ މި މަޝްރޫޢު އަކީ އަތޮޅުތެރޭގެ ރަށްރަށުގެ ބާވެފައިވާ އެމްބިއުލާންސްތަކާޢި ސިއްޚީ މަރުކަޒުތަކުން އަރައިގަތުމަށް އެޅުނު ވަރުގަދަ ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ. އަދި މީގެ ސަބަބުން ރަށްރަށުގެ ސިއްޚީ ނިޒާމު އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
" ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިފަދަ ވަސީލަތްތައް ފުރިހަމަވެ މިފަދަ ވަސީލަތްތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް. އެހެން ކަމުން ދައިރާގެ ހުރިހާ މުވައްޒަފުންގެ ނަމުގައި އަދި އަޅުގަނޑު އަމިއްލަ ނަމުގައި ރައީސްއަށް ޝުކުރު ދަންނަވަން. މި އެމްބިއުލާންސްތަކުގެ ސަބަބުން ރަށްރަށުގެ ސިއްޚީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތް އިތުރަށް ފުރިހަމަވެ ފުރާނަ ސަލާމަތް ކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން ޔަޤީން. " ސިއްޚީ ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ލަމްޢާން ވިދާޅުވީ އެމްބިއުލާންސް ގެނައުމުގެ އިތުރުން ރަށްތަކަށް އެމްބިއުލާންސް ފޯރުކޯށްދިނުމުގެ މަސައްކަތްވެސް އެކުންފުނިން ކުރަމުންދާ ކަމަށެވެ. އަދި މިއީ އަތޮޅުތެރޭގެ ސިއްޚީ ޚިދުމަތް ކުރިއަރުވައި އާބާދީއަށް އެކަށީގެންވާ މިންވަރަށް ވަސީލަތްތައް ޤާއިމް ކުރުމަށް ކުރަމުންދާ މަސައްކަތަށް ހާސިލް ކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އިޖްތިމާޢީ ޒިންމާ ދަށުން އެމްޕީއެލް މިފަދަ ކޮންމެ ކަމެއްގައި ބައިވެރިވުމަކީ ލިބޭ ފަޚުރެއް. ރަށްރަށަށް އެމްބިއުލާންސް އާއެކު އެމްބިއުލާންސް ސާވިސް ކުރާނެ ގޮތާއި ދިމާވެދާނެ މައްސަލަތައް ހައްލުކުރާނެ ގޮތްތައް އެކުލެވިގެންވޭ. މިވެސް މި ޚިދުމަތް މެދުކެނޑުމެއް ނެތި ފުރިހަމަށް ދިނުމަށް ކުރެވިގެން ދިޔަ މަސައްކަތެއް. " ލައްމްޢާން ވިދާޅުވިއެވެ.
އެންބިއުލަންސް ހަވާލުކުރެވުނު ރަށްތައް:
• ށ.ކޮމަންޑޫ
• ށ.ފޮއްދޫ
• ނ.ހެނބަދޫ
• ބ.ދަރަވަންދޫ
• ބ.ފުޅަދޫ
• ބ.ދޮންފަނު
• ޅ.އޮޅުވެލިފުށި
• ވ.ފުލިދޫ
• ވ.ކެޔޮދޫ
• މ.ވޭވަށު
• އއ.ބޮޑުފޮޅަދޫ
• އއ.ހިމަންދޫ
• އދ.ކުނބުރުދޫ
• އދ.ދަނގެތި
• ލ.ފޮނަދޫ
• ގއ.ކޮނޑޭ
• ގދ.ވާދޫ
މި ބުރުގައި 17 އެމްބިއުލާންސް ރަށްތަކާއި ހަވާލުކުރެވުމާއެކު މި ސަރުކާރު ހަވާލުވުމަށް ފަހު ޖުމްލަ 87 އެމްބިއުލާންސް މިހާތަނަށް ރަށްރަށާއި ހަވާލުކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާ އިތުރު 4 ރަށަކަށް ބޭނުންވާ އެމްބިއުލާންސްވެސް މިއަހަރުގެ ތެރޭގައި ގެނެވި، ރަށްތަކާ ހަވާލުކުރެވިގެންދާނެ ކަމަށް ސިއްޚީ ވުޒާރާއިން ވިދާޅުވިއެވެ.
ސިއްޚީ ވުޒާރާއިން ވިދާޅުވީ މީގެ އިތުރުން މިއަހަރުގެ ތެރޭގައި ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށިގެންދާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތުގައި އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަދުގެ ސަރުކާރުގެ މުހިއްމު އަމާޒެކެވެ.
އަތޮޅުތެރޭގެ 17 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ