ކޮންމެ ސަރުކާރެއްގައި ފަނޑިޔާރުން ބަދަލުކުރުމަކީ ދެރައެއް، ނިޒާމު ބަދަލުކުރަންޖެހޭ: ނަޝީދު
ކޮންމެ ސަރުކާރެއްގައި އާ ވެރިއަކު ވަޑައިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށާއި، އެހެން ނުވާނެ ގޮތަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ނަޝީދު އެފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރުއާއި، މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރަންޖެހޭ ކަމަށް އާ ވެރިންގެ ހިތްޕުޅަށް ވަންނަކަމީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. ރައީސުލްޖުމްޙޫރިއްޔާ ބޭނުންފުޅުވާއިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ފެހި ގާނޫނުއަސާސީ ތަސައްވަރުކުރި ގޮތެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. https://x.com/mohamednasheed/status/1922599208604794990 ނަމަވެސް ގާނޫނުއަސާސީ ބައްޓަންކޮށްފައި ވަނީ، އުންމީދުކުރި ގޮތާ ޚިލާފަށް ރަސްކަމެއް ފަދަ ރިޔާސީ ނިޒާމަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ދެހާސް އަށްވަނަ އަަހަރު އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު، އާ ސުޕްރީމް ކޯޓު އެކުލަވައިލަން ޖެހުނުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އޭގެފަހުން 2013، 2018 އަދި 2023ގެ ރިޔާސީ އިންތިޚާބުތަކަށް ފަހު އައި، ކޮންމެ ވެރިކަމަކުން ވެސް މިވަނީ ފަނޑިޔާރުން ބަދަލުކޮށްފައި ކަމަށެވެ. "އެއީ ވަރަށް ބޮޑު ދެރައެއް. އަދި ގޯހެއް،" ނަޝީދު ވިދާޅުވިއެވެ. އެގޮތަށް އެހެން ނުވާނެ ގޮތަކަށް ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު އެފަދައިން ވިދާޅުވިއިރު އެމަނިކުފާނަކީ އެންމެ ބޮޑަށް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވައި އެ ނިޒާމާ އެއްކޮޅަށް ވަކާލާތުކުރައްވާ ބޭފުޅާއެވެ. މިދިޔަ އެމްޑީޕީ ސަރުކާރުގައި އޭރު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ އެމަނިކުފާނާ ދޭތެރޭ ޚިޔާލުތަފާތުވުންތައްް އުފެދުނީ ވެސް ވެރިކަމުގެ ނިޒާމާ މެދު ޚިޔާލުތަފާތުވެއެވެ. ނަމަވެސް މިދިޔަ ވެރިކަމުގައި އޭރު މަޖިލީހުގެ ރައީސްކަމުގައި އިންނަވައި ނަޝީދު ވެސް ޖުޑިޝަރީއަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުތަކެއް ކުރިއެވެ. އެގޮތުން ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް އޭރު އެމަނިކުފާނު ޖުޑިޝަރީއަށް ސިޓީފުޅު ފޮނުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވެރިކަމުގައި އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކޮށްފައިވެއެވެ. އޭރު ނަޝީދު ވިދާޅުވަމުން ދިޔައީ ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ