އެމްޑީޕީ އިން ބޭރު ދުނިޔެއަށް ރާއްޖޭގެ މައުލޫމާތު ދޭތީ މިނިސްޓަރު ސައީދު ކަންބޮޑުވެއްޖެ އެމްޑީޕީ އިން ބޭރު ދުނިޔެއަށް ރާއްޖޭގެ މައުލޫމާތު ދޭތީ މިނިސްޓަރު ސައީދު ކަންބޮޑުވެއްޖެ

ރާއްޖެއިން ބޭރުގެ ގައުމުތަކާއި ޖަމިއްޔާތަކަށް ރާއްޖޭގައި ހިނގާ ކަންކަމުގެ މައުލޫމާތު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ފޯރުކޮށްދޭތީ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި ނެތިއްޖެ ނަމަ ވަރަށް ގިނައިން ބޭރުގެ ގައުމުތަކަށް ފުރައިގެން ގޮސް ރާއްޖެއާ ބެހޭ ވާހަކަ ދައްކާނެ ކަމަށެވެ.
"[އެމްޑީޕީ] ވެރިކަމުން ފައިބައިފިއްޔާ ދެ ކަމެއް ކުރާނެ، އެއް ކަމަކީ މަގުމައްޗަށް ނުކުމެ ޖަހާނެ ސަކަރާތްތަކެއް. އަނެއް ކަމަކީ ވަރަށް ބާރަށް ފުރައިގެންދާނެ ރާއްޖެއިން ބޭރަށް. ގޮސް ހަމަ އެކި ތަންތަނުގައި ވާހަކަ ދައްކައި އެކި ގޮތް ގޮތަށް ސޯޝަލް މީޑިއާއަށް ލާނެ ފޮޓޯތައް، މިހާރު މިވެނި ބަޔަކު ވެސް އެބަ އުޅެޔޭ ރާއްޖެއަށް ފިޔަވަޅެއް އަޅަން، މިވެނި ކަމެއް ވެސް ކުރަން، ދެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު ވެސް އެމްޑީޕީ އިން ބޭރުގެ ގައުމުތަކަށް ފޯރުކޮށްދެމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ. އެމްޑީޕީ އިން ވާހަކަ ދައްކާ ތަންތަނުގެ ތެރޭގައި ބޭރުގެ ބޭންކުތައް ވެސް ހިމެނޭ ކަމަށް ސައީދު ވިދާޅުވި އެވެ.
"ރައީސް ޑރ. މުއިއްޒަށް ވެރިކަން ހަވާލުވި އިރުން ފެށިގެން ދުނިޔޭގެ ގައުމުތަކަށް އެމްޑީޕީން ވަރަށް ގިނަ ގޮތް ގޮތުން، ދުނިޔޭގެ ބޭންކުތަކަށް، ގައުމުތަކަށް އެކި ގޮތް ގޮތުން މެސެޖުތައް ފޮނުވަމުން ގެންދިޔައީ ހަމަ މި ދެންނެވި ބީދައިން، ރާއްޖެ ބަނގުރޫޓުވާނެއޭ [ކިޔާފައި]،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ހިނގާ ކަންކަމުގެ މައުލޫމާތު އެމްޑީޕީ އިން ހާމަ ކުރަމުންދާތީ ސައީދު ކަންބޮޑުވުން ފާޅު ކުރިއިރު، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މި ވަގުތު ހުންނެވީ ޔޫރަޕުގަ އެވެ. އޭނާ ވަނީ މިއަދު ޔޫރަޕިއަން ޔޫނިއަންއާ ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައުލޫމާތު ފޯރުކޮށްދީފަ އެވެ. ހާއްސަކޮށް، ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާތީ އެ ވާހަކަތައް ޝާހިދު ވަނީ ދައްކަވައިފަ އެވެ.
ޝާހިދުގެ ދަތުރުގައި އޭނާ ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި އިނގިރޭސިވިލާތުގެ ސިޔާސީ ޕާޓީތަކާއެކު ވެސް ޝާހިދު ވަނީ ސިލްސިލާ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އެ ބައްދަލުވުންތަކުގައި ވެސް ޖުޑިޝަރީގެ ވާހަކަ ޝާހިދު ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ