ރައީސް ޔާމީން މިނިވަންވުން އޮތީ ޝަރުއީ ދާއިރާގެ އަތްމަތީ، ވަކި ގޮތެއް ނާންގާނަން: ސަރުކާރު

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތުގެ ތެރެއަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށާއި އެމަނިކުފާނު މިނިވަންވުމުގެ ކަންކަން އޮތީ އެ ދާއިރާގެ އަތްމަތީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލި އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރުމުން ރައީސް ޔާމީނަށް ޖެހިވަޑައިގަތީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވާށެވެ. މިވަގުތު ތަންފީޒު ކުރައްވަމުން ގެންދަވާ ޖަލު ހުކުމަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރާ އިތުރު މައްސަލައެއް ދަށު ކޯޓުގައި ދަނީ ކުރިޔަށެވެ.
ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަކީ ސަރުކާރުގެ ރިޔާސީ ވައުދަކަށްވާއިރު ދެ ރައީސުންގެ ދެމެދުގައި މައްސަލަތަކެއް ޖެހި ރައީސް ޔާމީން ވަނީ ޕްރޮގްރެސިވް ކޯލިޝަން ދޫކުރައްވާފަ އެވެ. އެ މައްސަލައަށް ފަހު ރައީސް ޔާމީން މިނިވަން ކުރުމާއި ގުޅޭގޮތުން ބައްދަލުވުންތަކުގައި ނޫސްވެރިން ސުވާލު ކުރާއިރު މިހާތަނަށް އެދެވޭ ޖަވާބެއް ލިބިފައި ނުވެ އެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން މައުލޫމާތުތައް ދިނުމަށް ބޭއްވި ޕްރެސްގައި ގިނަ ނޫސްވެރިން ތަކުރާރުކޮށް ރައީސް ޔާމީން މިނިވަން ކުރުމާއި ގުޅޭގޮތުން ސުވާލު ކުރި އެވެ. މީގެ ކުރިން ވެސް ދެއްވި ޖަވާބުތައް ތަކުރާރު ކުރައްވައި ޝަހީބު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރާނެކަމަށް ސީދާ ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައި ނުވާނެކަމަށާއި ވައުދުވީ އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދެއްވައި އިންސާފުވެރި ޝަރީއަތެއް ހޯދައިދެއްވުމަށް ކަމަށެވެ.
ޝަހީބު ވިދާޅުވީ ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސް ދެއްވި ތަގުރީރުގައި ވެސް ޝަރުއީ ނިޒާމަށް އޮތް ނުފޫޒު ހުއްޓުމަކަށް އައީކަމަށް ވިދާޅުވި ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް މިނިވަން އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުން މިހާރު އޮތީ ކޯޓުތަކުގެ އަތްމަތީގައިކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ނޫސްވެރިން ވަނީ ރައީސް މުއިއްޒު، ރައީސް ޔާމީނާއި ބައްދަލު ކުރައްވައި އެއްވެސް މަޝްވަރާއެއް ކުރެއްވިތޯ ސުވާލުކޮށްފަ އެވެ. އެކަމަކު ޝަހީބް ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ބަންދެއްގައިކަމަށްވުމާއި އެކު ގާނޫނީ ހުރަސްތަކެއް ވެސް އެބަހުރިކަމަށެވެ. އަދި ރައީސް ޔާމީނާއި ބައްދަލުކޮށް މަޝްވަރާ ކުރުން ނުވަތަ ފޯނުން ވެސް އެފަދަ ވާހަކައެއް ދެއްކުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ރައީސް ދެކިވަޑައިނުގަންނަވާކަމަށް ޝަހީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު، ރައީސް ޔާމީނާ ބައްދަލު ކުރައްވާނީ އިތުރު ލުއިތަކެއް ލިބި އެކަމަށް ޖާގަ އޮތް މިންވަރަކުންނެވެ. ތަކުރާރުކޮށް ޝަހީބް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުން އޮތީ ސަރުކާރުގެ އަތްމަތީގައި ނޫން ކަމަށެވެ. އަދި ގޭބަންދަށް އެމަނިކުފާނު ބަދަލު ކުރީ ރައީސް މުއިއްޒުގެ އެދުމަށްކަމަށް ވެސް ވިދާޅުވެ، ވަނީ އެއީ ކުރީ ސަރުކާރުގެ ހެޔޮފުޅުކަންކަމުގައި ބައެއް ބޭފުޅުން ވިދާޅުވިޔަސް ހަގީގަތަކީ އެއީ ނޫން ކަމަށެވެ.
ޝަހީބް ވިދާޅުވީ ރައީސް ޔާމީނާއި މެދު ވަޒީރުން ދެކޭ ގޮތާއި، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލުމުގެ އިހުތިޔާރު ވެސް އޮތީ އެބޭފުޅުންގެ އަތްމަތީގައިކަމަށެވެ. އަދި ސަރުކާރުން އެފަދަ އެއްވެސް ކަމަކަށް ބާރު ނުފޯރުވާނެކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ