ސަމާލުވެލައްވާ! ޢަރަބިބަސްތައް ތާނައިން ލިޔާއިރު ނުބައިކޮށް ލިޔެވުމުން މާނައޮޅި ފާފަވެރިވާގޮތަށްވެސް އެބަ ލިޔެވޭ!

މިހާރަކަށް އައިސް ސޯޝަލް މީޑިއާގައާއި ބައެއް އެހެން ލިޔުންތައްވެސް ލިޔެފައި ހުންނަނީ ތިކިޖެހި ތާނައިގެ ބޭނުން ނުކޮށެވެ. އެހެންކަމުން މާނައޮޅި ފާފަވެރިވެދާނެކަމުގެ ބިރު އޮތުމުން ބައެއް ކިޔުންތެރިން ކަންބޮޑުވެލައްވާތީ މިކަން އޮތްގޮތް ހަނދުމަކޮށްލައިދޭނަމެވެ.  
މިހާރަކަށް އައިސް ތާނައަކުރުން ލިޔެވިފައިހުންނަ ލިޔުންތައް ކިޔަން އުނދަގޫވަނީ ދިވެހި ބަހާއި ޢަރަބިބަހާއި ގުޅިލާމެހިފައިވާލެއް ބޮޑުކަމުންނެވެ. ކީރިތި ޤުރްއާނާއި ގުޅިލާމެހިފައިވާލެއް ބޮޑުކަމުންނެވެ.  
ތަންކޮޅެއް ކުރީގެ ލިޔުންތައް ކިޔާލަން ވަރަށް ފަސޭހައެވެ. އެއީ ތާނައަކުރުގައި ތިކިޖަހައި ޢަރަބި އަކުރާއި އެއްގޮތްކޮށްގެން ލިޔެފައި ހުންނާތީއެވެ. އެހެންކަމަށްވާއިރު މިކަމަށް އޮތް ޙައްލަކީ ކޮބައިތޯ ގިނަ ބައަކު ސުވާލުކުރެއެވެ.   
އެ މައްސަލައަކީ މިއަދުނޫހުން ވަރަށް ކުރީންސުރެ ފާހަގަކުރާ މައްސަލައެކެވެ. ކޮންމެވެސް މަގަކުން ޙައްލުކުރަންޖެހިފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. ތިރީގައި އެވަނީވެސް ކިޔުންތެރިންގެ ސުވާލުތަކާއި ގުޅިގެން ލިޔެފައިވާ ލިޔުމެކެވެ.  
އަކުރަށް ކިޔާނެ ނަމަކާ މައްސަލައެއް ނެތެވެ. މިހާރު ޢާންމުކޮށް ތާނަ ލިޔެ އުޅެނީ ކޮމްޕިޔުޓަރުންނެވެ. ޢަރަބި އަކުރުން ނަންތައް ލިޔެ ހެދުން އެހައި ފަސޭހައެއް ނޫނެވެ. ނަމަވެސް އަލްޣަފޫރު ލިޔަން އަލްގަފޫރު ލިޔުމަކުން ﷲ ތަޢާލާގެ ނަންފުޅަކަށް ނުވެއެވެ. ޢަބްދުﷲ (ﷲ ގެ އަޅާ) ލިޔަން އަބުދުﷲ ލިޔުމަކުން ﷲ ގެ އަޅާއަކަށް ނުވެއެވެ. ޢަރަބި ބަހުގައި އަބްދު ކިޔާ ލަފުޒެއް ނޯވެއެވެ. އެހެންކަމުން ﷲ ގެ ނަންފުޅުގެ ކުރިއަށް އެގެނެވެނީ ބުދެއްގެ ވާހަކަ ކަމަށް ބުނެވިދާނެއެވެ. ކޮން ބުދެއްތޯ ސުވާލުކޮށްފިނަމަ ޖަވާބަކީ އަބުދެވެ. ޢަރަބި އަކުރުގައި ޢައިނާއި އަލިފަކީ ދެއަކުރެވެ. އަކުރު ބަދަލުކުރުމުން މާނަތަފާތުވާނެއެވެ. މިފަދަ ކަންކަން ބައިވަރެވެ.  
ޢަރަބި އަކުރުގެ މަޚްރަޖު ދޭހަވާ ގޮތަށް ތާނައަކުރުން ލިޔުމުގެ ފުރުޞަތު އޮތުމަކީ ތާނަ ލިޔުމަށް ލިބިފައިވާ ވަރަށް ބޮޑު މުއްސަނދިކަމެކެވެ.  
ފުންނާބު ވަރަށް އުސް ބައެއް ބޭފުޅުން ވިދާޅުވަނީ އަޑު އަންނަ ގޮތަށް ލިޔުނީމާ ރަނގަޅުވާނެކަމަށެވެ. ފުންނާބު ތިރި މީހުންނަށް އެކަން ޤަބޫލެއް ނުކުރެވެއެވެ. އެއީ ވާހަކަ ދައްކާއިރު 90 އިންސައްތަ ފަހަރު އަޑު އިވެނީ ގަފޫރެވެ. ދެން ގަފޫރު ލިޔެ ﷲ ތަޢާލާގެ ނަންފުޅު ބަދަލުކުރެވޭނެ ކަމަށް ޤަބޫލު ނުކުރެވޭތީއެވެ.  
ތާނައަކުރުގައި ތިކިޖަހައިގެން ލިޔަން މަސައްކަތްކުރަންޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ.  
ދެން އޮތީ ޢަރަބި އަކުރުން ލަފުޒު ލިޔުމެވެ. ގްރޭޑް 12 ނިންމާފައި ތިބި ގިނަ ކުދިންގެ އަތަށް ޤުރްއާން ތަރުޖަމާ ދެއްވާފައި ބަލައިގެން މާނަ ކިޔަން ވިދާޅުވެބައްލަވާށެވެ! ވާގޮތް އެނގިވަޑައިގަންނަވާނެއެވެ. ތަޖުރިބާއިން އެނގުނީ ޢަރަބިން ލިޔެފައިވާ ލަފުޒުތައް ކިޔަން ނޭނގޭކަމެވެ. އަބަދު އޮންނަނީ " މީކީކޭ"ތޯ އަހަން ޖެހިފައެވެ.  
މިފަދަ ކަންކަމުން އެނގިގެންދަނީ ތަޢްލީމީ މުޅި މަންހަޖުގައި ބޮޑެތި މައްސަލަތަކެއް އެބަހުރިކަމެވެ. ސަމާލުކަންދޭންޖެހިފައިވާ ކަންތައްތަކެއް އެބަހުރިކަމެވެ.
ނިންމާލަމުން އިތުރު މިޘާލެއްވެސް ބުނެލާނަމެވެ. ތިބާގެ އަހާއޭ ލިޔުމުން ދޭހައެވަނީ އަހެއްގެ ވާހަކައެވެ. އެކަމަކު ބުނަން މިއުޅެނީ އަޚާގެ ވާހަކައެވެ. އަހާއާއި އަޚާއަކީ ތަފާތު ދެބަހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ