ކުންފުނިތަކަށް އައްޔަންކުރާ ރިޓަޔާޑް މީހުން، މަގާމުގައި ތިބޭއިރު ރިޓަޔާމެންޓް އެލަވަންސް ކަނޑާލަނީ

މި ސަރުކާރުން ބައެއް މުހިންމު މަގާމުތަކަށް، ރިޓަޔާކޮށްފައިވާ ބޭފުޅުން އައްޔަންކޮށްފައިވާއިރު، އެގޮތަށް ރިޓަޔާކުރާ ފަހުން މަގާމުތަކަށް އައްޔަންކުރާ މީހުންނަށް ވަޒީފާގެ މުއްދަތުގައި ރިޓަޔާމެންޓް އެލަވަންސް ކަނޑާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިރޭ ވިދާޅުވީ، ރިޓަޔާކޮށްފައިވާ މީހުން އައްޔަންކުރުމުން، ޚަރަދުތައް އިތުރުވާ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ، ރިޓަޔާކޮށްފައިވާ މީހުން އެފަދަ މަގާމުތަކަށް އައްޔަންކުރައްވަނީ އެއީ އަޚުލާގީ ގޮތުން ރަނގަޅު، ނަޒާހާތްތެރިކަން ހުރި، ހިންގުންތެރި، ގާބިލު ބޭފުޅުންނަށް ވުމުން ކަމަށެވެ. "އެހެންނަމަވެސް ރިޓަޔާޑް ބޭފުޅުންނަށް، އެ ލިބޭ އެލަވަންސެއް ލިބެންމުންދާތީ އަނެއްކާ މަގާމަށް އައިމަ ލިބޭ މުސާރަ ލިބެމުންދާތީ، ޚަރަދު ބޮޑޭ ވަނީ، މިއީ ރަނގަޅު ވާހަކައެއް،" އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެކަން ބަދަލުކުރަން އެ މަނިކުފާނު މިހާރު އަންގަވައިފައިވާ ކަމަށެވެ. އަދި ސިވިލް ސާވިސް ކޮމިޝަނުން އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. "ސަރުކާރުގެ އަައްޔަންކުރާ މަގާމެއްގައި ރިޓަޔާޑް ބޭފުޅަކު އައްޔަންކޮށްފި ނަމަ ނޫނީ ރިޓަޔާޑް ބޭފުޅަކު އިންތިޚާބީ މަގާމަކަށް އިންތިޚާބުވެއްޖެ ނަމަ އެ މަގާމުގައި އެ ހޭދަ ކުރާ މުއްދަތުގެ ތެރޭގައި އެ ރިޓަޔާމެންޓަށް ލިބޭ އެލަވަންސް މެދުކެނޑޭ ގޮތަށް، އެހެންވީމަ ޑަބަލްކޮށް ނުލިބޭ ގޮތަށް،" ބަދަލު ގެންނަ ގޮތް، އެ މަނިކުފާނު ވިދާޅުވެދެއްވިއެވެ. މި ސަރުކާރުން ކުންފުނިތަކަށް އައްޔަންކޮށްފައިވާ ބޭފުންގެ ތެރޭގައި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަޙްމަދު ސައުދީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު، އެމްޕީއެލްގެ ސީއީއޯ ޑީސީޕީ ރިޓަޔާޑް މުހައްމަދު ރިޝްވާން, މިފްކޯގެ ސިއީއޯ ފަރުހަތު ޝަރީރު އަދި ފެނަކަގެ މެނޭޖިން ޑިރެކްޓަރު މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު ހިމެނެއެވެ. މި ސަރުކާރުގައި ސިޔާސީ މަގާމުތައް ގިނަކަމާއި، ހިންގުމުގެ ޚަރަދުތައް ބޮޑުވުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ