ބާރަ ދުވަހުން 83 މަސާޖު ޕާލާ، ތިން ހަފްތާއިން ގަވާއިދާ ޚިލާފު 56 ވިޔަފާރި ބަންދު

މިހާތަނަށް 83 މަސާޖު ޕާލާ ބަންދުވެއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީގެ އަވަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ފައްޓަވާފައިވާ ސިލްސިލާ ބައްދަލްވުންތަކުގެ ތެރެއިން މިރޭ ހުޅުމާލެ ފޭސް އެކެއްްގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލްވުން ފެއްޓެވުމުގެ ގޮތުން ރައީސް ވިދާޅުވީ މާލޭގައި ހިންގާ މަސާޖު ޕާލާތައް ބަންދު ކުރުމަށް ކުރަމުންދާ މަސައްކަތް ފުޅާކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މަހުގެ ނުވަވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީއާ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގެ އަދާހަމަ ރައީސް ވަނީ ހާމަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އެންމެ 12 ދުވަހުން 83 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.
އަދި ވިދާޅުވީ ރާއްޖޭގެ ތާރީޚުގައިވެސް މިއާ ގާތްކުރާ އަދަދަކަށްވެސް އެފަދަ ތަންތަން ބަންދުކުރަން ކެރުނު ސަރުކާރެއް ނެތް ކަަމަށެވެ.
ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް އިމިގްރޭޝަންގެ ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގެ އަދާ ހަމަވެސް ރައީސް ވަނީ ހާމަ ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ މިދިޔަ ތިން ހަފްތާގެ ތެރޭގައި އެފަދަ 56 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަަމަށެވެ. މިއީ މުޅީން ވެސް ނުގަވާއިދުން ބިދޭސީން ހިންގަމުންދިޔަ ތަންތަން ކަމުގައި ވިދާޅުވި އެވެ.
ގަވާއިދާ ޚިލާފަށް ހިންގަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް އިމިގްރޭޝަނާއި ފުލުހުންނާއި އިކޮނަމިކް މިނިސްޓްރީ ގުޅިގެން އޮޕަރޭޝަންތަކެއް ހިންގަމުންދާއިރު، އިމިގްރޭޝަނުން ވަނީ، ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާކަންވެސް ފާހަގަކޮށްފަ އެވެ. 
އަދި އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމާއި، އަމިއްލަ މަސައްކަތްތަކާއި، ވިޔަފާރި ކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ