ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ކަޕްގައި ރާއްޖޭން ކުޅުނު ދެ ވަނަ މެޗުގައި މިރޭ އަފްގާނިސްތާން އަތުން ވެސް ސީދާ ތިން ސެޓުން މޮޅުވެއްޖެ އެވެ.
ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ރޭ ބަންގްލަދޭޝް އަތުން ތިން ސެޓުން މޮޅުވިއިރު، ސެޓުތައް ދިޔައީ، 25-18، 25-12 އަދި 25-16 އިންނެވެ. މިރޭ، އަފްގާނިސްތާން އަތުން ރާއްޖެ މޮޅުވިއިރު، ސެޓުތައް ގެންދިޔައީ، 25-20، 25-13 އަދި 25-12 އިންނެވެ.
ޒުވާނުންގެ މަރުކަޒުގައި މިރޭ ކުޅުނު މެޗު ފެށުމުގެ ކުރިން ވަނީ މިއަދު އުމުރުން 48 އަހަރުގައި ނިޔާވި، ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، އިބްރާހިމް އާދިލް (ކޮއްކޮ)ގެ ހަނދާނުގައި ސުކޫތެއް ގެނެސްފަ އެވެ. ރާއްޖޭގެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ، ކޮއްކޮ، ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި މިރޭ ކުޅުނު މެޗުގައި އަފްގާނިސްތާނަށް ޖުމްލަކޮށް ބަލާއިރު، ރާއްޖެ ޕްރެޝަރަށް ވައްޓާލެވޭ ވަރުގެ ކުޅުމެއް ނުދެއްކެ އެވެ. ފުރަތަަމަ މެޗެކޭ ވެސް އެއްގޮތަށް މި މެޗުގައި، ރާއްޖޭގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) އާއި ވައިސް ކެޕްޓަން، ފާތިމަތު ޖޫޒާން ޒަރީރުގެ ލީޑަޝިޕުގެ ދަށުން ޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓޭކަށް އަރައި، މާޔާ ހުސެއިން އާއި އައިމިނަތު އަރީޝާ އަދި ޝަހާ ޝާމިން ވެސް ރަނގަޅު ޕޮއިންޓްތަކެއް ޓީމަށް ހޯދައިދިނެވެ.
ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ) ވަނީ ފުރުސަތު ލިބުނު ވަރަކަށް ފުރަތަމަ ދެ މެޗުގައި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.
އަފްގާނިސްތާން ކުޅުންތެރިއަކު ކައިިރިން ރާއްޖޭގެ މާޔާ ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް،އެމްވީ
މުބާރާތުގައި މާދަމާރޭ ރާއްޖޭން ކުޅޭ މެޗުގައި ބައްދަލުކުރާނީ ކިރްގިސްތާންއާ އެވެ. ކިރްގިސްތާނުން ވެސް ވަނީ ރާއްޖެއެކޭ އެއްގޮތަށް ފުރަތަމަ ދެ މެޗުން ފުރިހަމަ ރެކޯޑަކާ އެކު މޮޅުވެފަ އެވެ.
އަފްގާނިސްތާން އަތުން ކިރްގިސްތާނުން ތިން ސެޓުން މޮޅުވިއިރު، ސެޓުތައް ދިޔައީ، 25-15، 26-24 އަދި 25-11 އިންނެވެ. އަދި، މިއަދު ހަވީރު ބަންގްލަދޭޝް އަތުން ވެސް ސެޓެއް ނުގެއްލި ކިރްގިސްތާނުން މޮޅުވީ، 25-15، 25-21 އަދި 25-11 އިން ސެޓުތައް ގެންގޮސްގެންނެވެ.
ވިމެންސް ކާވާ ކަޕް: އަފްގާނިސްތާން ބަލިކޮށް ފުރިހަަމަ ރެކޯޑަކާ އެކު ރާއްޖެ ކުރިއަށް ވިމެންސް ކާވާ ކަޕް: އަފްގާނިސްތާން ބަލިކޮށް ފުރިހަަމަ ރެކޯޑަކާ އެކު ރާއްޖެ ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ