ފުރަމާނަ ދަތުރެއްގައި އަންނަ ޑިސެމްބަރު މަހު ރައީސް މުހައްމަދު މުއިއްޒު ސްރީ ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
ލަންކާގެ އިކޮނޮމީ ނެކްސްޓުގައި ބުނެފައި ވަނީ މުއިއްޒު އެ ގައުމަށް ވަޑައިގަންނަވާނީ ޑިސެމްބަރު މަހުގެ ދެ ވަނަ ހަފުތާގައި ކަމަށެވެ. މުއިއްޒަށް ލަންކާއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެގެ ދައުވަތަކަށެވެ.
މުއިއްޒުގެ ދަތުރުގައި، ވިޔަފާރި އާއި އިގްތިސާދާއި ފަތުރުވެރިކަމާއި މައުލޫމާތު ބަދަލު ކުރުމާ ގުޅޭ ހަ އެއްބަސްވުމެއްގައި ސޮއި ކުރައްވާނެ ކަމަށް ނޫސްތަކުން ބުނެ އެވެ. ދަތުރުގެ މުއްދަތަކީ ތިން ދުވަސް ކަމަށް ނޫސްތަކުން ބުނެ އެވެ.
މުއިއްޒު ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ މިނިވަން ދުވަހުގެ ހަފުލާއަށް މިދިޔަ ޖުލައި މަހު އެ ގައުމުގެ ރައީސް މާލެ ވަޑައިގަތެވެ. އެ ދަތުރުގައި ދެ ގައުމުން ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ސްރީ ލަންކާއަށް މުއިއްޒު ކުރައްވަން ހަމަޖެހިފައިވާ ދަތުރާ ގުޅޭ ގޮތުން ރައީސް އޮފީހުން ވަކި އެއްޗެއް ނުބުނެ އެވެ. ރައީސް އޮފީހުން އާންމުކޮށް ބުނަނީ، މުއިއްޒުގެ ދަތުރުތަކާ ގުޅޭ މައުލޫމާތު އެކަމަށް އޮންނަ އުސޫލެއްގެ ދަށުން ހާމަ ކުރާނެ ކަމަށެވެ.
ރައީސް ޑިސަނަޔަކެގެ ދަތުރުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ވިޔަފާރިވެރިން ލަންކާގައި އިންވެސްޓު ކުރުމަށް އެދިވަޑައިގެންފަ އެވެ. އިންވެސްޓަރުންނަށް ފަހި މަންޒަލިކަށް ލަންކާ ބަދަލު ކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ސްރީ ލަންކާއަކީ ދިވެހި ވިޔަފާރިވެރިންނަށް އަބަދުވެސް އިތުބާރު ކުރެވޭނެ މަންޒިލެއް. އައިޓީ، އޭއައި، ފިޝަރީޒް، އެގްރޯ ޕްރޮސެސިން، ފަތުރުވެރިކަން، ރިއަލް އެސްޓޭޓް އަދި އާބަން އިންފްރާސްޓްރަކްޗާގެ ދާއިރާތަކުގައި ދިވެހި ވިޔަފާރިވެރިން އިންވެސްޓު ކުރަން އަޅުގަނޑު ދައުވަތު އަރުވަން،" ޑިސަނަޔަކެ ވިދާޅުވި އެވެ.
އޭޕްރީލް، 2019، ގައި ލަންކާގައި ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެ ގައުމުން ވަނީ "ކަންޓްރީ އޮފް ސެކިއުރިޓީ ކޮންސާން" ގެ ދަރަޖަ ރާއްޖެއަށް ދީފަ އެވެ. އޭގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ އަދި ޒިޔާރަތް ކުރާ ދިވެހިންނަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.
މީގެ ކުރިން ލަންކާއަކީ އެންމެ ގިނަ ދިވެހިން ވަޒަންވެރިވެގެން އުޅެމުން އައި އެއް ގައުމެވެ. އީސްޓާ ބޮމުގެ ހަމަލާގެ ކުރިން ގާތްގަނޑަކަށް 15،000 ދިވެހިން ލަންކާގައި ދިރިއުޅުނު ކަމަށް ބެލެވެ އެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން އެ ނަންބަރު މިހާރު ވަނީ 1500 އަށް ވެއްޓިފަ އެވެ.
އަންނަ ޑިސެމްބަރު މަހު މުއިއްޒު ސްރީ ލަންކާއަށް ވަޑައިގަންނަވަނީ އަންނަ ޑިސެމްބަރު މަހު މުއިއްޒު ސްރީ ލަންކާއަށް ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ