މަދޫރީގެ އާ ވެބް ސީރީސް އަންނަ މަހު
ބޮލީވުޑް ބަތަލާ މަދޫރީ ޑިކްސިޓް ވަރަށް ތަފާތު ކެރެކްޓާއަކުން ފެންނާނެ ވެބް ސީރީސް "މިސިޒް ދޭޝްޕާންޑޭ" ބެލުންތެރިންނަށް ގެނެސްދޭ ތާރީޚު އިއުލާނުކޮށްފިއެވެ. މިދިޔަ ހަފްތާގެތެރޭ ހާއްސަ ޓީޒާއަކާ އެކު އިއުލާނުކުރި މި ސީރީސް އަކީ ޖިއޯ ހޮޓްސްޓާގައި ޕްރީމިއާކުރާ ވެބް ސީރީސްއެކެވެ. ބަތަލާ މަދޫރީ ސީރިއަލް ކިލާއެއްގެ ކެރެކްޓާއަކުން ފެންނާނެ "މިސިޒް ދޭޝްޕާންޑޭ" އަކީ އެޕްލޯސް އެންޓަޓެއިންމަންޓާއި ޑައިރެކްޓަރު ނާގޭޝް ކުކުނޫރުގެ ކުކުނޫރު މޫވީސް ގުޅިގެން ގެނެސްދޭ ވެބް ސީރީސްއެކެވެ. ބަތަލާ މަދޫރީގެ އިތުރުން މި ވެބް ސީރީސްއިން ފެންނާނެ އިތުރު ތަރިންގެތެރޭ ސިދާތު ޗަންދޭކަރާއި ޕަރިޔަންޝޫ ޗެޓަޖީ ހިމެނެއެވެ. އަންނަ މަހުގެ 19ގައި ޕްރީމިއާ ކުރާނެކަން އިއުލާނުކޮށްފައިވާ "މިސިޒް ދޭޝްޕާންޑޭ" ވެބް ސީރީސް އަކީ 58 އަހަރުގެ ބަތަލާގެ ކެރިއަރުގެ ދެވަނަ ސީރީސްއެވެ. ވިދްޔާ ބާލަން އަދި މަދޫރީ ފިލްމު "ބޫލް ބުލައްޔާ 3"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ މަދޫރީ އެންމެ ފުރަތަމަ ކުޅުނު ވެބް ސީރީސް އަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއިން 2022ގައި ނެޓްފްލިކްސްއަށް އުފެއްދި "ދަ ފޭމް ގޭމް"އެވެ. އެ ސީރީސްގެ ދެވަނަ ބައެއް ގެނެސްދޭނެ ކަމަށް ބެލުންތެރިން އުއްމީދުކުރި ނަމަވެސް އެކަމާ ގުޅޭގޮތުން މިހާތަނަށް ދަރުމާއިން ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. ބޮލީވުޑްގެ 90އިގެ އަހަރުތަކުން ފެށިގެން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަދޫރީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ބޫލް ބުލައްޔާ 3"ގެ ރޯލަކުންނެވެ. މަދޫރީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނެ ބޮލީވުޑް ފިލްމަކީ ބަތަލާ ތުރިޕްތީ ދިމްރީގެ މަންމަގެ ރޯލް ކުޅޭ ފިލްމު "މާ ބެހެން"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ