މުސާރައަށް އިތުރުވި މިންވަރު ލިބޭނީ އަންނަ މަސް ނިމިގެން ލިބޭ މުސާރައިގައި: ފިނޭންސް
ޕޭ ހާމަނައިޒްވުމުގެ ސަބަބުން މުސާރައަށް އައިސްފައިވާ ކުރިއެރުން އެންމެ ފުރިހަމަގޮތުގައި ސަރުކާރު މުވައްޒަފުންނަށް ލިބެން ފަށާނީ އަންނަ މަސް ނިމޭއިރު ލިބޭ މުސާރައިން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ. ޕޭ ހާމަނައިޒްވީ ނަމަވެސް މުސާރަތައް ކުޑަކަމުގެ ޝަކުވާ އެކި ދާއިރާތަކުގެ މުވައްޒަފުން ގެންދަނީ ކުރަމުންނެވެ. އޭގެ ތެރޭ ޖުޑީޝަރީގެ މުވައްޒަފުން ވެސް ހިމެނެއެވެ. މި ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް ފިނޭންސް މިނިސްޓްރީން ބުނީ، ހާޒިރީއަށް ބަލައިގެން މުވައްޒަފުންނަށް ދޭ އެލަވަންސްތަކާއި ޢިނާޔަތްތައް ހިސާބުކުރަނީ ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15ގެ ނިޔަލަށް ކަމަށެވެ. އެހެންވެ މި މަހުގެ އެއްވަނަ ދުވަހު މުސާރަ ބޮޑުވި މުވައްޒަފުންނަށް އެ ކުރިއެރުން ފެންނާނީ އަންނަ މަސް ނިމިގެން ލިބޭ މުސާރައިގައިކަމަށް ފިނޭންސުން ބުންޏެވެ. މީގެ އިތުރުން މިނިސްޓްރީން ބުނިގޮތުގައި މުސާރަ ހިސާބު ކުރުމުގައި ޢަމަލުކުރާ އުސޫލަށް ބަލާއިރު، ނޮވެމްބަރު މަހުގެ މުސާރަ ލިބޭއިރު، އޮކްޓޫބަރު 16 އިން 31 އަށް ހިސާބުކުރާނީ އޮކްޓޫބަރު މަހުގެ އެލަވަންސާއި ޢިނާޔަތްތައް ހިމަނައިގެންނެވެ. އަދި އެކެއް، ނޮވެންބަރުން ފެށިގެން ލިބޭ އެލަވަންސްތަކާއި ޢިނާޔަތްތައް ހިސާބުކޮށްފައިވާނީ ނޮވެންބަރު މަހު 1 ން ފެށިގެން 15 ގެ ނިޔަލަށް ކަމަށްވާތީ، ނޮވެންބަރު މަހުގެ މުސާރަ ލިބޭއިރު ލިބޭނީ ޕޭ ފްރޭމްވޯކްގެ ދަށުން މަގާމުތަކަށް ކަނޑައަޅާފައިވާ އެލަވަންސްތަކާއި ޢިނާޔަތްތަކުގެ އެއްބައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރުމާގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް އައިސްފިނަމަ ކުޑަވާބައި ހަމަޖެއްސުމަށް ޕޭ ކޮމިޝަނުން ތަޢާރަފުކޮށްފައިވާ މައިގްރޭޝަން އެލަވަންސް ލިބޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ، ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާފައިވަނީ، ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުގެ ސަޤާފަތެއް އާލާކުރުމަށް ކަމަށެވެ. މީގެ އިތުރަށް މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން ލިބޭގޮތަށް، މަސައްކަތުގެ ބެލެންސެއް ގެނެސް ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހި ކުރުމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ