ސިޓީ ކައުންސިލްގެ ލީގަލް ހެޑު ނަސީރު, އަންހެނުންގެ ކޮމިޓީގެ އިދާރީ ކަންކަމާ ހަވާލުކޮށްފި ސިޓީ ކައުންސިލްގެ ލީގަލް ހެޑު ނަސީރު, އަންހެނުންގެ ކޮމިޓީގެ އިދާރީ ކަންކަމާ ހަވާލުކޮށްފި

މާލޭގެ ރޯމަސް މާރުކޭޓު ތަރައްގީ ކުރަން ހެދި ގޮތް ނޭނގޭ އެއްބަސްވުންތަކުގައި އެ ކައުންސިލްގެ ފަރާތުން ސޮއިކުރި ލީގަލް ސެކްޝަނުގެ ވެރިޔާ، އަލީ ނަސީރު ގާސިމް މާލެ ސިޓީގެ ވިމެންސް ޑިވެލޮޕްމަންޓު ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިދާރީ ކަންކަމުގެ ވެރިޔަކަށް ބަދަލުކޮށްފި އެވެ.
އަދަދު އަށް މި މައުލޫމާތު ލިބިގެން މޭޔަރު އާދަމް އާޒިމްގެ އަރިހުން މައުލޫމާތު ސާފުކުރުމުން ވިދާޅުވި ގޮތުގައި އެއީ ގެނައި އިދާރީ ބަދަލެކެވެ.
މާލޭ މަސްމާރުކޭޓު ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި އޮތީ 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައި ބަޔަކާ ހަވާލު ކޮށްފަ އެވެ.
ނަމަވެސް މުއިއްޒު ރައީސްކަމަށް އިންތިހާބުވެ، މޭޔަރު ކަމަށް އާދަމް އާޒިމް އިންތިހާބުވުމުގެ ކުރިން އެ އެއްބަސްވުން ބާތިލުކޮށް އެހެން ބަޔަކާ މަސްމާރުކޭޓު އޮތީ ހަވާލު ކޮށްފަ އެވެ. ފަހުން ހަދާފައިވާ އެއްބަސްވުމުގެ އަގަކީ 9.5 މިލިއަން ޑޮލަރެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތީ ކައުންސިލުގެ އަލީ ނަސީރު އެވެ.
އެ ދެ އެއްބަސްވުމުގެ ތެރެއިން ސައްހަ އެއްބަސްވުމަކީ ކޮބައިކަން ނޭނގޭ ކަމަށް މީގެ ކުރިން ބޭއްވި މާލެ ސިޓީ ކައުންސިލުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވެ އެވެ.
އެ މައްސަލާގައި އޭނާއާ ސުވާލު ކުރުމަށާއި މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަށް ކައުންސިލް ޖަލްސާއަކަށް ކައުންސިލަރަކު ވެސް ހުށަހެޅި އެވެ. ނަމަވެސް، ޕީއެންސީގެ މެންބަރުން އެކަމާ ދެކޮޅަށް ޖަލްސާތަކުގައި ވާހަކަ ދެއްކި އެވެ.
އަލީ ނަސީރު ގާސިމްއަކީ މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު ވެސް އެ ކައުންސިލްގެ ލީގަލް ސެކްޝަނުގެ ވެރިޔާ އެވެ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ނޮވެމްބަރު 23، 2023 ގައި އެކުލަވާލި ޕޮލިސް ބޯޑުގައި ވެސް އޭނާ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ