ހިނިތުންވުމަކީ ރުޅި އައިސްގެން ހުންނަ މީހާ މާޔޫސްކުރުވައި ބަލިކޮށްލައިދޭ އެންމެ ވަރުގަދަ ބާރެވެ. ނުވަތަ ހަތިޔާރެވެ. އެއިގެ އިތުރުން ހިނިތުންވުމަކީ މީސްތަކުންގެ ލޯބި އެންމެ ފަސޭހައިން ލިބޭ އެއްޢަމަލެވެ.
ހިނިތުންވުން ﷲ ތަޢާލާ އިސްލާމްދީނުގައި ލައްވަވާފައިވަނީ އަތުން ޚަރަދެއްނުކޮށް، ބުރައުފުލުމެއް ނެތި ކުރެވޭ ޞަދަޤާތެއްގެ ގޮތުގައެވެ. ވީމާ ދީނީ ގޮތުން ބަލައިފިނަމަ ހިނިތުންވުމަކީ ޘަވާބު ހޯދުމުގެ ބޭނުމުގައިވެސް ގިނަގިނައިން ކުރަން އޮތް ކަމެކެވެ.
ހިނިތުންވުމުން ލިބޭ ފައިދާ ތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްފައިދާއަކީ ގިނައިން ހިނިތުންވުމަކީ ހިތުގައި ހުންނަ އުދާސްތައް ބޭރުކޮށްލަން އެންމެ ފަސޭހަ އެއް ސަބަބުކަމަށްވާތީއެވެ. ހަމައެއާއިއެކު މީސްތަކުންނަށް ހިނިތުންވުމަކީ އެމީހުންގެ ހިތުގައި ލޯބި އުފެދި އެކަމުގެ ސަބަބުންވެސް އެހީތެރިކަން ލިބި އަދި އުފާވެރިކަންވެސް ލިބޭ ކަމެކެވެ.
ކިތަންމެ ބުރަކޮށް މަސައްކަތްކުރަމުން، އަވަދިނެތި އުޅެމުންވެސް، އަދި ތިމާއަށް ހުންނަންޖެހިފައިވަނީ ހިތްހަމަނުޖެހުމެއްގެ ތެރޭގައި ނަމަވެސް މީހަކާއި ކުރިމަތިލާނަމަ ކުރިމަތިލާންވާނީ ހިނިތުންވެ ހުރެގެންނެވެ.
ވިސްނައިލާށެވެ! ދުނިޔޭގައި އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަޔާތްޕުޅު ހޭދަކުރެއްވެވީ ކިހައި ދަތިޙާލުކޮޅުގައި ހެއްޔެވެ؟ އަދި އަބަދުވެސް ކުރިމަތިވެވަޑައިގަންނަމުން ދިއައި ކިހައި ބޮޑެތި ނުތަނަވަސްކަމާއި ހެއްޔެވެ؟ އަބަދުހެން ހުންނަވަން ޖެހިވަޑައިގަތީ ހިތާމަފުޅުކުރައްވަވާ ޙާލުކޮޅުގައެވެ.
އެހެން ކަމާއިއެކުވެސް އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަސްވުރެ ގިނައިން ހިނިތުންވެވަޑައިގެންނެވި އެއްވެސް ބޭކަލަކު ފެނިވަޑައިގެންފައިނުވާކަން ޞަޙާބީން ވަނީ ބަޔާންކުރައްވަވައިފައެވެ.
ޞަޙާބީންގެ މިބަސްފުޅުންވެސް އެނގިގެންދަނީ ހިނިތުންވުމުގެ ހުރިފައިދާއެވެ. އެއީ މަތިވެރި ސުންނަތެއް ކަމެވެ. އަދި އެއީ އެކަން ކުރަން އެއްވެސް ބުރައެއް އުފުލަންނުޖެހި، އަތުން ޚަރަދެއްވެސް ނުކޮށް ޙާޞިލުކުރެވެން އޮތް ސުންނަތެއް ކަމެވެ.
ހިނިތުންވާންވީ ހަމައެކަނި އެކުވެރިންނަށާއި ދަންނަ މީހުންނަކަށް ބައްދަލުވާ ކޮންމެ މީހަކަށެވެ. އެހެނަސް ރައްކައުތެރިވާންޖެހޭ އިންތަކެއް ހުންނާނެކަންވެސް ހަނދާންކުރަންވާނެއެވެ! އެއިންތަކުގައި ހިފަހައްޓަންވެސް ޖެހޭނެއެވެ. ޚާއްޞަކޮށް ހިލޭ ދެމީހުން ބައްދަލުވާ ހިނދުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގިނައިން ހިނިތުންވުމަކީ ހިތުގައި ހުންނަ އުދާސްތައް ބޭރުކޮށްލަން އެންމެ ފަސޭހަ އެއް ގޮތްކަން އެނގޭތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ