ނައިޖީރިއާގައި ރަހީނުކުރި ސްކޫލު ކުދިންގެ ތެރެއިން 50 ކުއްޖަކު ފިލައިފި
ނައިޖީރިއާގެ ނައިޖާ ސްޓޭޓްގެ ކްރިސްޓިއަން ސްކޫލަކަށް ހުކުރު ދުވަހު ބަޔަކު ވަދެ ރަހީނުކުރި 315 ކުދިންނާއި ޓީޗަރުންގެ ތެރެއިން 50 ކުދިން ފިލައިފިއެވެ. ކްރިސްޓިއަން އެސޯސިއޭޝަން އޮފް ނައިޖީރިއާ އިން ބުނި ގޮތުގައި އެ ކުދިން މިހާރު ވަނީ އާއިލާ ކައިރިއަށް ގޮސްފައެވެ. ބާކީތިބި 265 ކުދިންނާއި 12 ޓީޗަރުން ހޯދުމުގެ މަސައްކަތް އަސްކަރިއްޔާއިން އިސްނަގައިގެން އަންނަނީ ކުރަމުންނެވެ. މި މައްސަލައިގައި ބައިވެރިވި ކްރިސްޓިއަން ގްރޫޕަކުން ބުނި ގޮތުގައި ދަރިވަރުން އެތަނުން ފިލައިގެން ނިކުމެފައި ވަނީ ހުކުރާއި، ހޮނިހިރު ދުވަހެވެ. ނައިޖީރިއާގެ ސްކޫލުން ރަހީނުކުރި 315 ކުދިންނާއި ޓީޗަރުންގެ ތެރެއިން 50 ކުދިން ވަނީ ފިލާފައި. ފޮޓޯ/ގެޓީ އެކުދިންގެ އިތުރުން ނައިޖީރިއާގެ ކެބީބީ ސްޓޭޓްގެ ބޯޑިން ސްކޫލަކުން 20 ކުދިން ވެސް މިދިޔަ ހޯމަ ދުވަހު ވަނީ ރަހީނުކޮށްފައެވެ. އެ ކަމާ ގުޅިގެން ނައިޖީރިއާގެ ބައެއް ސްޓޭޓްތަކުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ސްކޫލްތައް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެ ސްޓޭޓްގެ ސަރުކާރުން ކުރިން ވެސް ވަނީ ރަހީނުކުރުމުގެ ހާދިސާއަކާ ގުޅިގެން ހުރިހާ ސްކޫލެއް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި މައި ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ 47 ސެކަންޑަރީ ބޯޑިން ސްކޫލެއް ބަންދުކުރުމަށް އަންގާފައެވެ. އެ ހާދިސާއާ ގުޅިގެން ނައިޖީރީއާގެ ރައީސް ބޯލާ ޓިނޫބޫ ވަނީ ޖޮހަނަސްބާގްގައި މިހާރު ކުރިއަށްދާ ޖީ20 ސަމިޓުން ވެސް ވަކިވެ ވަޑައިގެން ބައިނަލްއަގުވާމީ ބައްދަލުވުންތައް ކެންސަލް ކުރައްވާފައެވެ. ނައިޖީރީއާގެ އާންމުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ބެންޑިޓްސްގެ ނަމުން މަޝްހޫރު ކުށްވެރި ގޭންގުތަކުން ފައިސާ ހޯދުމަށް މީހުން ރަހީނުކުރުން ނައިޖީރިއާގެ ގިނަ ސަރަހައްދުތަކުގައި ބޮޑު މައްސަލައަކަށް ވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ