ޕާޓީން ވަކިކުރުމުން، ވޯޓަކަށް ނުގޮސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ބާއްވަން ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހި، ވަގުތުން ގޮނޑި ގެއްލޭ ގޮތަށް ބާއްވަން މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ. މެންބަރުން ޕާޓީން ވަކިވުމުންނާއި، ވަކިކުރުމުން ވެސް ވަގުތުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ވަނީ މި މަޖިލީހުގައި މިދިޔަ އަހަރު އިސްލާހުކޮށްފައެވެ. އެހެންވެ، އެ އިސްލާހާ އެކު މެންބަރުން 'ތަޅުއެޅުވުނީ' ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ. އޭގެ ފަހުން، މި މަހު 16 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ވަނީ މެންބަރުން ޕާޓީން ވަކިކޮށްފި ނަމަ، ގޮނޑި ގެއްލޭނީ ދާއިރާގެ ރައްޔިތުންގެ ވޯޓަކުން ކަމަށް ކަނޑައަޅަން އިސްލާހެއް ހުށަހަޅާފައެވެ. އެ އިސްލާހަށް ޕީއެންސީގެ ބައެއް މެންބަރުން ތާއީދުކުރެއްވިއިރު، ބައެއް މެންބަރުން ފާޅުގައި ދެކޮޅު ހެއްދެވިއެވެ. އެ އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއުއެވެ. އެކަމަކު، އެ ބިލު ދިރާސާކުރަން މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ޕީއެންސީއަށް ނިސްބަތްވާ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ ދާއިރާގެ ރައްޔިތުންގެ ވޯޓެއް ނަގަންޖެހޭ ގޮތަށް އޮތްބައި އުނިކުރަން ހުށަހަޅުއްވާފައެވެ. އެ އިސްލާހަށް ތާއީދުކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ (އައިބީ) އެވެ. https://sun.mv/213961 އެ އިސްލާހަށް ކޮމިޓީގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެއްސެވުމުން 50 މެންބަރުން ވަނީ އިސްލާހާ އެކު ފާސްކުރަން ވޯޓުދެއްވާފައެވެ. ދެކޮޅަށް ވޯޓުދެއްވީ އަށް މެންބަރުންނެވެ. އަދި، ދެ މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ވޯޓުދެއްވާފައެވެ. އެއަށް ފަހު، އިސްލާހާ އެކު ބިލު ފާސްކުރަން ވޯޓަށް އެހުމުން ވެސް 50 މެންބަރުން ވޯޓުދެއްވިއެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ 10 މެންބަރުންނެވެ. ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން މެންބަރަކު އިންތިޚާބުވި ޕާޓީ އޭނާގެ މެންބަރުކަން ހިނގަމުންދާ ދައުރުގައި ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކޮށްފިނަމަ ގޮނޑި ގެއްލޭނެއެވެ. ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުން މިގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހެވެ. ހަމަ އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މި އިސްލާހު ތަސްދީގުކުރެއްވިއެވެ. ގާނޫނުއަސާސީއަށް މި ގެނައި ބަދަލު އުވާލުމަށްޓަކައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިނަމަވެސް، އެ މައްސަލަ ކުރިއަށް ނުދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ