ޓްރަމްޕަކީ ގައުމީ ހަރުކަށި ފޭސިސްޓް ފިކުރުގެ ޑިކްޓޭޓަރެއް: މަމްދާނީ

ވޮޝިންޓަން (24 ނޮވެންބަރު 2025) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ބައްދަލުކޮށް ހީ ސަމާސާކުރުމުގެ ތެރެއިން އޭނާއާ ޚިޔާލު ބަދަލުކުރިނަމަވެސް ޓްރަމްޕަކީ ފޭސިސްޓް ފިކުރުގެ ޑިކްޓޭޓަރެއްކަމަށާއި ޓްރަމްޕާ މެދު ދެކޭގޮތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ނިޔުޔޯކްގެ ގަވަރުނަރުކަމަށް އިންތިޚާބުކޮށްފައިވާ ޒަހުރާން މަމްދާނީ ވިދާޅުވެއްޖެއެވެ. އެންބީސީ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި މަމްދާނީ ވިދާޅުވީ ޓްރަމްޕާ ބައްދަލުކުރުމުގެ ކުރިން ވެސް އޭނާ ޓްރަމްޕާ މެދު ދެކެނީ ހަރުކަށި ފޭސިސްޓް ފިކުރުގެ ޑިކްޓޭޓަރެއްގެ ގޮތުގައި ކަމަށާއި މިދިޔަ ހުކުރުދުވަހު ވައިޓް ހައުސްގައި ޓްރަމްޕާ ބައްދަލުކުރުމަށްފަހު ވެސް ޓްރަމްޕަކީ ފޭސިސްޓް ފިކުރުގެ ޑިކްޓޭޓަރެއްގެ ގޮތުގައި ދެކޭ ކަމުގައެވެ. މަމްދާނީ ވިދާޅުވިގޮތުގައި އޭނާއާ ޓްރަމްޕަކީ މުޅިން ތަފާތު ދެ ފިކުރެއްގެ ދެބޭފުޅުންނެވެ. ޓްރަމްޕްގެ ބަހާއި އަމަލާއި ފިކުރު ހުންނަގޮތުން ޓްރަމްޕާ ދެކޮޅަށް ބުނަންޖެހޭ އެއްޗެއް ބުނާނެ ކަމަށް މަމްދާނީ ވިދާޅުވިއެެވެ. ޓްރަމްޕް ގެންގުޅުއްވާ ކަނާތު ފިޔައިގެ ފޭސިސްޓް ފިކުރުގެ ސަބަބުން ޓްރަމްޕްގެ ހަގީގަތް އެނގިފައިވީ ނަމަވެސް އެމެރިކާގެ މަސްލަހަތަށް ޓަކައި ޓްރަމްޕާ މުއާމަލާތް ކުރަންޖެހޭ ހުރިހާ ކަމެއްގައި މުއާމަލާތްކުރާނެކަމަށާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ހާލަތްތަކުގައި އެކަން ވެސް ކުރައްވާނެކަމަށް މަމްދާނީ ވިދާޅުވިއެވެ. ފޭސިސްޓް ފިކުރަކީ މިދިޔަ ގަރުނުގެ ކުރީކޮޅު ޔޫރަޕްގައި އުފެދުނު ގައުމިއްޔަތުގެ އެންމެ ހަރުކަށި ފިކުރެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިޓަލީގެ ރައީސަކަށް ހުރި ޑިކްޓޭޓަރު ބިނީތޯ މޫސެލީނީ އަކީ މިފިކުރުގެ ބޭފުޅެކެވެ. މުސުލީނީގެ ބައިވެރިޔަކީ ޖަރުމަނުގައި އެދުވަސްވަރު އޮތް ހަރުކަށި ގައުމީ ފިކުރުކަމަށްވާ ނާޒީ ފިކުރުގެ ލީޑަރު އެޑޮލްފް ހިޓްލަރެވެ. މަމްދާނީ ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާގައި ދިރިއުޅޭ ދޮން ނަސްލުގެ މީހުންނާމެދު ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގައި ހިމެނޭ ކަނާތު ފިޔައިގެ "މާގާ" ފިކުރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިޓަލީފަދަ ޔޫރަޕްގެ ބައެއް ގައުމުތަކުގައި އޮތް ޚުދު މުޚުތާރު ކަނާތު ފިޔައިގެ ގައުމީ ފިކުރާ އެއްގޮތް ފިކުރެކެވެ. "މާގާ" ނުވަތަ "މޭކްއެމެރިކާ ގްރޭޓް އަގައިން" ފިކުރަނީ ދޮން ނަސްލުގެ މީހުން ނޫން މީހުން އެމެރިކާއިން ބޭރުކުރުމަށާއި އެމެރިކާއަކީ ހަމައެކަނި ދޮންމީހުންގެ ގައުމަކަށް ހެދުމުގެ ފިކުރެވެ. އެހެން ނަސްލުތަކުގެ މީހުންނަށް ވުރެ ދޮން ނަސްލުގެ މީހުން މާ މޮޅުކަމަށް ދެކޭ ބޯދާ ފިކުރެވެ. ޓްރަމްޕް ގެންދަވަނީ މި ބޯދާ ހަރުކަށި ފިކުރާ އެއްގޮތަށް އެމެރިކާގެ ދޮން ނަސްލު ނޫން އެހެން ދަރިކޮޅުތަކުގެ މީހުން އެކިއެކި ބަހަނާތަކުގައި އެމެރިކާއިން ބޭރުކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. ޣައިރު ގާނޫނީ ގޮތުން އެމެރިކާއަށް ހިޖުރަކޮށްގެން އުޅޭކަމަށް ބުނެ އެމެރިކާގެ ދޮން ނަސްލު ނޫން އެހެން ދަރިކޮޅުތަކުގެ މީހުން ޓްރަމްޕްގެ އެންގުމަށް އެމެރިކާއިން ބޭރުކުރަނީ ވަރަށް އަނިޔާވެރިކޮށެވެ. ބަންދުކޮށްފައި ދެތިންދުވަހު ކާންބޯން ނުދީ ބަލިކޮށް ޖިމްސާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބަލިކޮށްލާފައެވެ. ޓްރަމްޕްގެ މިހަރުކަށި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އެމެރިކާގެ އެތައް ސްޓޭޓެއްގެ ލޯކަލް ސަރުކާރުތަކުން ގެންދަނީ ދެކޮޅު ހަދަމުންނެވެ. އެމެރިކާގެ އެތައް ސިޓީއެއްގައި ގިނަ ބަޔަކު ވަނީ ޓްރަމްޕަށް ޑިކްޓޭޓަރުގެ ނަންދީ އޭނާއާ ދެކޮޅަށް ވަރުގަދަ މުޒާހަރާ ތަކެއް ފަށާފައެވެ. ހިޖުރަވެރިން ބޭރުކުރުމަށް ޓްރަމްޕް ކުރައްވާ އެތައް އަމުރުތަކެއް އެކި ސްޓޭޓްތަކުގެ ކޯޓު ތަކުން ހުއްޓުވުމުން ވެސް ޓްރަމްޕް ގެންދަވަނީ ބައެއް އަމުރުތަަކަށް ގޮންޖައްސަވަމުންނެވެ. މަމްދާނީ ޓްރަމްޕަށް ފޭސިސްޓް ޑިކްޓޭޓަރުގެ ނަމުން މުޚާތަބު ކުރާއިރު ޓްރަމްޕް މަމްދާނީ ސިފަކުރައްވަނީ ކޮމިއުނިސްޓެއްގެ ގޮތުގައެވެ. އެއީ މަމްދާނީ ސޯޝަލިސްޓް ފިކުރު ގެންގުޅުއްވާތީއެވެ. ސޯޝަލިސްޓް ފިކުރަކީ އެމެރިކާގެ މުއްސަނދިކަމަށް އަތްގަދަކޮށްގެންއުޅޭ މަހުޖަނުންނާއި ކުންފުނިތަކާ އިދިކޮޅު ފިކުރެކެވެ. މަހުޖަނުންގެ ކޮންޓްރޯލުން އާންމުން ސަލާމަތް ކުރުމާއި އާންމުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވުމުގެ ފިކުރެވެ. ޓްރަމްޕްވަނީ ނިއުޔޯކްގެ މޭޔަރުކަމަށް މަމްދާނީ އިންތިޚާބު ނުކުރުމަށް ރައްޔިތުންނަށް ގޮވާލައްވައި މަމްދާނީ އާ ދެކޮޅަށް އެންޓި ކޭންޕެއިން ވެސް ކުރައްވާފައެވެ. ނަމަވެސް ޓްރަމްޕަށް ގޮންޖަހައި ނިޔުޔޯކްގެ ރައްޔިތުން އެ މީހުންގެ ސިޓީގެ މޭޔަރަކަށް އިންތިޚާބު ކުރީ މަމްދާނީއެވެ. މިކަމުގެ ސަބަބުން ޓްރަމްޕަށް ސިޔާސީ ޝޮކެއް ލިބިވަޑައިގެންނެވި ކަމަށް ރިޕޯޓްތައް ބުނެއެވެ. މަމްދާނީ ވިދާޅުވިގޮތުގައި ޓްރަމްޕާއެކު ވައިޓްހައުސްގައި ބޭއްވި ބައްދަލުކުރެއްވުމަކީ ކާމިޔާބު ބައްދަލުކުރެއްވުމެކެވެ. ބައްދަލުވުން ކާމިޔާބު ވަނީ އެބައްދަލުވުމުގައި ދެބޭފުޅުންކުރެ ކޮންމެ ބޭފުޅަކުވެސް ލަދަކާ ނުލައި އެބޭފުޅެއްގެ ސިޔާސީ ފިކުރު އަނެއް ބޭފުޅަކަށް ހާމަކޮށްދެއްވާފައިވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ