މެންބަރަކު ޕާޓީން ވަކިކުރާ ހާލަތެއްގައި ފަހު ބަސް ބުނުމުގެ ބާރު ރައްޔިތުންނަށް ނުދިނުމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި މެންބަރަކު ޕާޓީން ވަކިކުރާ ހާލަތެއްގައި ފަހު ބަސް ބުނުމުގެ ބާރު ރައްޔިތުންނަށް ނުދިނުމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކި ކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް މާއްދާ ބަދަލު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުން އެ މާއްދާ އުނިކޮށް މުޅި މަޖިލީހުގެ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ހުށަހެޅުއްވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ ފަހަތަަށް އަކުރެއް އިތުރު ކުރުމަށެވެ. އެއީ މަޖިލީހުގެ މެންބަރުން މަގާމުން ވަކިވުމުގެ އިޖުރާއަތްތައް ބަޔާންކުރާ މާއްދާ އެވެ.
އެ ބިލުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރެއްގެ ގޮނޑި ގެއްލޭނީ އޭނާ މަގާމުން ވަކި ކުރަން ނަގާ ރިފެރެންޑަމް ވޯޓެއްގައި ރައްޔިތުން އެގޮތަށް ނިންމައިފި ނަމަ ކަމަށެވެ. ހަމައެހެންމެ، ރައްޔިތުންގެ އަގުލަބިއްޔަތު އެކަމަށް ނުލިބިއްޖެ ހާލަތެއްގައި މެންބަރު ދެމިހުންނާނީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކަމަށާއި އަދި ދައުރުގެ ތެރޭ ސިޔާސީ ޕާޓީއަކަށް ބަދަލުވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެފައިވެ އެވެ.
އެ މާއްދާ ބިލުން އުނިކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. ތާއީދު ކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ.
އެ ހުށަހެޅުން ފާސްކުރީ މުޅި މަޖިލީހުގެ ކޮމިޓީގައި ނެގި ވޯޓުގައި 50 މެންބަރުންގެ ތާއިދާ އެކު އެވެ. ބިލާ ދެކޮޅަށް އަށް މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދޭ ދެ މެންބަރުން ތިއްބެވި އެވެ.
ނަމަވެސް، އެ ބިލުގެ ބާކީ މާއްދާތައް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ބިލު ފާސްކުރަން 50 މެންބަރުން ވޯޓު ދެއްވިއިރު މެންބަރުންގެ ގޮނޑިއާ މެދު ފަހު ބަސް ބުނުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ވޯޓު ދިނީ 10 މެންބަރުންނެވެ.
އެ ބިލުގެ ކޮމިޓީ މަރުހަލާގައި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އަދި އެ ޕާޓީގެ އެހެން ބައެއް މެންބަރުން ބިލަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި މިއަދު އިސްލާހު ހުށަހަޅައި ތާއިދު ކުރެއްވި މެންބަރުން ހިމެނެ އެވެ.
އެ ބިލަށް ތާއީދުކޮށް ވާހަކަދެއްކެވި މެންބަރުންގެ ތެރޭގައި ބިލު ހުށަހެޅުއްވި ޝުޖާއު އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހިމެނެ އެވެ.
އެ ބިލުގައި އަތޮޅު ކައުންސިލް އުވާލުމުގެ މާއްދާތަކެއް ވެސް ހިމަނާފައި އޮތެވެ. ބިލުގެ ނަންބަރުތައް ތަރުތީބު ކުރީ އެ މާއްދާތައް އުނި ނުކޮށެވެ.
ސަރުކާރުން ހުށަހަޅާ ނޮވެމްބަރު 20، 2024 ގައި ގާނޫނުއަސާސީއަށް ގެނައި ބަދަލާއެކު މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ