ބައި ގަރުނުވީ ތާރީހީ ހެޓްރިކާއެކު އާސެނަލްގެ އެޒޭއަށް ބޮޑު އުފަލެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕާސް ކޮޅަށް އެބެރެޗީ އެޒޭ ހެދި ހެޓްރިކާއެކު، ތާރީހުން ޖާގަ ހޯދައިފިއެވެ. މި ހެޓްރިކާއެކު އޭނާ ވެފައިވަނީ 1992 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގަށް ރިބްރޭންޑް ކުރި ފަހުން، އަދި މިދިޔަ 50 ވަރަކަށް އަހަރުތެރޭ ޓޮޓްނަމް ކޮޅަށް ހެޓްރިކް ހެދި އާސެނަލްގެ ފުރަތަަމަ ކުޅުންތެރިޔާއަށެވެ. އެޒޭއަކީ ކްރިސްޓަލް ޕެލަސްއިން މިފަހަރުގެ ޓްރާންސްފާގައި އާސެނަލަށް ގެނައި ކުޅުންތެރިއެކެވެ. އޭނާ ހޯދަން ޓޮޓްނަމުންވެސް މަސައްކަތްކުރި އެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވެއެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު އާސެނަލް ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. މިއީ އާސެނަލަށް ބޮޑު ނަތީޖާއެކެވެ. އެ ޓީމު މިހާތަނަށް ޓޮޓްނަމް އާއި ދެކޮޅަށް މި ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި މިހާ ބޮޑު ތަފާތަކުން މޮޅެއް ނުހޯދެއެވެ. އާސެނަލުން ލީޑުނެގީ މެޗުގެ 36 ވަނަ މިނިޓްގައެވެ. މިއީ މިކޭލް މެރީނޯ ދިން ބޯޅައަކުން ލެއަންޑްރޯ ޓްރޮސާޑް ޖެހި ގޯލެކެވެ. ފުރަަތަމަ ލަނޑުޖެހިތާ ފަސް މިނިޓުފަހުން އެޒޭ، އާސެނަލްގެ ލީޑުފުޅާކޮށްދިނީ 41 ވަނަ މިނިޓްގައެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު، އާސެނަލްގެ ޖޫނިއަން ޓިމްބާ ވަނީ އެޓީމުގެ ތިންވަނަ ގޯލު ޖަހާފައެވެ. އެއަށްފަހު ރިޗާލިސަން ވަނީ މެޗުގެ 55 ވަނަ މިނިޓުގައި ޓޮޓްނަމަށް ސުން ކަނޑުވާލަދީފައެވެ. ނަމަވެސް މެޗުގެ 76 ވަނަ މިނިޓުގައި އެޒޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ރިކޯޑު ހަދާފައެވެ. މެޗަށްފަހު އެޒޭ ބުނީ މިއީ އޭނާ ކުރިން އެއްގޮތަކަށްވެސް އުންމީދުކޮށްގެން ހުރި ކަމެއް ނޫންކަމަށެވެ. އަދި މި ނަތީޖާއާއެކު ބޮޑު ހިތްވަރަކާއި އުފަލެއް ލިބުނު ކަމަށާއި ކުރިއަށްހުރި މެޗުތަކުގައި މިއަށްވުރެ ރަނގަޅު ނަތީޖާ ނެރެން މަސައްކަތްކުރާނެ ކަމަށެވެ. މި މޮޅާއެކު އާސެނަލް އޮތީ 12 މެޗުން ލިބުނު 29 ޕޮއިންޓާއެކު އެވެ. ދެވަނަ މަގާމުގައި ޗެލްސީ އޮތީ 12 މެޗުން 23 ޕޮއިންޓާއެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ