ޕާކިސްތާނުގެ ޕެޝަވާރުގައި ހުންނަ ޕެރަމިލިޓަރީ މަރުކަޒަކަށް ދިން ހަމަލާއެއްގައި ތިން މީހަކު މަރުވެއްޖެ
ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޕެޝަވާރުގައި ހުންނަ ޕެރަމިލިޓަރީ ފޯސްގެ މައި މަރުކަޒަކަށް ބަޑިޖަހައި ދިން ހަމަލާއަކާއި ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި ތިން މީހަކު މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ޑޯން ޑެއިލީ ނޫހާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފެޑެރަލް ކޮންސްޓަބްލަރީ (އެފްސީ) ގެ މައި މަރުކަޒަށް ޖާނުން ފިދާވުމުގެ ހަމަލާ ދިނީ އެ މަރުކަޒުގެ ގޭޓުގައި ގޮވާތަކެތި ހަރުކޮށްގެންނެވެ. އެ ހަމަލާގައި ތިން ހަނގުރާމަވެރިންނާއި އެފްސީގެ ތިން އޮފިސަރުން މަރުވެފައިވާ ކަމަށްވެސް އެ ނޫހުން ބުނެއެވެ. ސަލާމަތީ ބާރުތަކުން މިހާރު ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ. ދުންޔާ ނިއުސްގެ ވެބްސައިޓުން، ޕެޝާވަރު ޕޮލިސް އޮފިސަރު މިއަން ސައީދާ ހަވާލާދީ ބުނެފައިވަނީ މަރާލާފައިވާ އެފްސީގެ ތިން އޮފިސަރުންނަކީ ގޭޓް ކައިރީގައި މަޑުކޮށްގެން ތިބި އޮފިސަރުން ކަމަށެވެ. ރޮއިޓާސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މަރުކަޒުގައި ޖާނުން ފިދާވުމުގެ ދެ ހަމަލާއެއް ދެ މީހަކު ވަނީ ދީފައެވެ. "ފުރަތަމަ މީހާ ފުރަތަމަ ހަމަލާ ދިނީ މަރުކަޒުގެ މައި ގޭޓު ކައިރިއަށް. އަދި އަނެއް މީހާ މަރުކަޒުގެ ގޯތިތެރެއަށް ވަދެގެން ދިޔައީ." ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވެއެވެ. ޑޯން ބުނި ގޮތުގައި މި ހަމަލާތަކުގައި އާންމުންގެ ހަ މީހަކަށް ވެސް އަނިޔާވެފައިވެއެވެ. އެ މީހުން ވަނީ ޕެޝަވަރުގެ ލޭޑީ ރީޑިން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ