ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމާބެހޭ ޓްރަމްޕްގެ ޕްލޭން "ވާނުވާގައި"
ޖެނީވާ (24 ނޮވެންބަރު 2025) : ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމަށް ޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭނާމެދު ޔުކްރެއިނާއި ޔޫރަޕްގެ ގައުމުތައް ހިތްހަމަ ނުޖެހުނު ނަމަވެސް އެ ޕްލޭނާ އެއްގޮތަށް ހަނގުރާމަ ހުއްޓާލެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް އެމެރިކާ ބުނެފިއެވެ. ޓްރަމްޕްގެ ޕްލޭން އާބެހޭގޮތުން ޔުކްރެއިންއާ އަދި ޔޫރަޕްގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށް ޖެނީވާގައި އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރުބިއޯ ވިދާޅުވީ ޓްރަމްޕްގެ ޕްލޭން ތަންފީޒު ކުރެވޭނެކަމަށް ބެލެވޭކަމަށާއި ޔުކްރެއިނާއި ޔޫރަޕްގެ ގައުމުތަކާއެކު ބޭއްވި މަޝްވަރާތަކުން ކުރިއެރުންތައް ލިބިފައިވާ ކަމުގައެވެ. ނަމަވެސް ރުބިއޯ ވަނީ ޓްރަމްޕްގެ ޕްލޭންގައި އެއްބަސްނުވެވޭ ކަންކަން ހުރިކަމަށް އިއުތިރާފްވެ ވަޑައިގެންފައެވެ. މި ޕްލޭން ގަބޫލުކުރުމާމެދު ރަޝިއާ ނިންމާގޮތެއް ވެސް އަދި ނޭންގޭކަމަށް ރުބިއޯ ވިދާޅުވިއެވެ. ޔޫރަޕްގެ ލީޑަރުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕްގެ ޕްލޭންގެ 80 އިންސައްތަ އޮތީ ރަޝިއާއަށް ފައިދާވާގޮތަށެވެ. އަދި ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ގިނަ ބިންތައް ރަޝިއާއަށް ލިބޭ ގޮތަށެވެ. ޔުކްރެއިނުންވަނީ ގަދަބާރުން ހިފާފައިވާ އެ ގައުމުގެ އެއްވެސް ބިމެއް ރަޝިއާއަށް ދޫކޮށްނުލާނެކަމަށް ބުނެފައެވެ. ނަމަވެސް ޔުކްރެއިންގެ ކުރިމަތީގައި މާގިނަ ޗޮއިސް ތަކެއް ނެތެވެ. ޓްރަމްޕްގެ ޕްލޭނަށް ދެކޮޅު ހަދައިފިނަމަ ޔުކްރެއިނަށް އޮތީ އެމެރިކާއިން ޔުކްރެއިނަށް ދޭ އަސްކަރީ އަދި ޖާސޫސީ އެހީ ކަނޑާލާނެކަމުގެ ބިރެވެ. މިހާލަތުގައި ރަޝިއާގެ ކުރިމަތީގައި ޔުކްރެއިން އިނދަޖެހޭނެއެވެ. ހަމައެކަނި ޔޫރަޕްގެ ގައުމުތަކަށް ޔުކްރެއިން ބޭނުންވާ މިންވަރާ ގާތަށް ވެސް ހަތިޔާރާއި ވަސީލަތްތަކާ އަދި ޖާސޫސީ މައުލޫމާތު ފޯރުކޮށެއް ނުދެވޭނެއެވެ. މިހާލަތުގައި ޔުކްރެއިންގެ އިތުރު ބިންތައް ރަޝިއާ ހިފާނެކަމުގެ ބިރު އެބައޮތެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ޕްލޭނަށް ރަޝިއާ ވެސް އަދި ފައިނަލް ޖަވާބު ނުދެއެވެ. އެއީ ވެސް ވިސްނަންޖެހޭ ކަމެއްކަމުން ޓްރަމްޕްގެ ޕްލޭނަށް ގެންނަންޖެހޭ ބަދަލުތަކާއެކު އެ ޕްލޭން ފައިނަލް ކުރުމަށް އަދި ވަގުތު ނަގާނެއެވެ. ޓްރަމްޕްގެ ޕްލޭން ކާމިޔާބު ވާނެކަމުގެ ބޮޑު އުންމީދެއް އެބައޮތްކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު ބަޔާންތައް ދެއްވިނަމަވެސް ޔޫރަޕްގެ ގައުމުތަކުން އިވެނީ މުޅިން އެހެން އަޑެކެވެ. ޔުކްރެއިން ހަނގުރާމަ ހުއްޓުވުމާބެހޭ ޓްރަމްޕްގެ ޕްލޭން ކަމުނުދާ ކަމުގެ އަޑެވެ. އެޕްލޭން ފުރިހަމަ ނޫންކަމާއި އިތުރަށް މުރާޖަޢާކޮށް ޕްލޭންއަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމުގެ އަޑެވެ. އެޕްލޭނާމެދު ޔޫރަޕްގެ ގައުމުތަކާ އަދި ޔުކްރެއިން އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ކަމުގެ އަޑެވެ. 28 މާއްދާއެއްގެ މައްޗަށް އެކުލެވިގެންވާ، ޓްރަމްޕްގެ ޕްލޭންގައި ޔުކްރެއިންއާއި ޔޫރަޕްގެ ގައުމުތައް އެންމެ ބޮޑަށް ހިތްހަމަ ނުޖެހެނީ އެއްކަމަކީ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތަކުގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތަ ބިން ރަޝިއާ އަށް ދޫކޮށްލަންޖެހޭ މައްސަލައެވެ. ދެވަނަ ކަމަކީ ނޭޓޯފަދަ އަސްކަރީ އެއްވެސް ޖަމާއަތެއްގައި ބައިވެރިވުމުގެ ހައްގު ޔުކްރެއިނުން ދޫކޮށްލުމެވެ. ތިންވަނަ ކަމަކީ ނޭޓޯ ރަޝިއާ އާ ދިމާއަށް ފުޅާކުރުމުގެ މަސައްކަތް ނޭޓޯއިން ހުއްޓާލުމެވެ. މި ކަންބޮޑުވުންތަކާއެކު ޓްރަމްޕް ވަނީ އޭނާގެ ޕްލޭނަށް ބަދަލުތަކެއް ގެނައުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބަދަލު ނެގަސްފިނަމަ ރަޝިއާ މި ޕްލޭން ގަބޫލުނުކުރުމުގެ މައްސަލަ ފެންމަތިވުމުގެ ބިރު ވެސް އޮތްކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ