މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރުމަށް އެމްޑީޕީއާ އެކު ހެދި ކޯލިޝަން ރޫޅާލައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރުމަށް މިރޭ ނިންމި ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ކެމްޕެއިންކުރި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އިން ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ރައީސް ދޫކޮށް މުއިއްޒުއަށް ތާއީދުކުރުމަށް އެ މަޖިލީހުގެ 36 މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.
ތަފްސީލް - ފައްޔާޒު އެކަމާ ގުޅޭގޮތުން އެކްސްގައި ވިދާޅުވީ އެމްޑީއޭގެ ނިންމުމަށް އިހުތިރާމް ކުރެއްވުމާ އެކު، އިންތިހާބުގެ ކެމްޕެއިންގައި އެ ޕާޓީ އިން ކޮށްދިން ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އެއާއެކު އޭނާ ވިދާޅުވީ އެމްޑީޕީ ދާނީ ކުރިއަށް ކަމަށެވެ.
"އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީ. ބަލިކޮށްނުލެވުނު ހިތްވަރު. ގުޑުވާނުލެވުނު އަޒުމު. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،" އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
އެމްޑީއޭގެ ނިންމުން - ސިޔާމްއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްޑީއޭގެ ނާއިބު ރައީސް އަލީ މައުރޫފް ވިދާޅުވިގޮތުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމަށް ޖުމްލަ ތިން ހުށަހެޅުމެއް ލިބުނެވެ. އެއީ:
އެމްޑީއޭ ވަކި ކޮޅަކަށް ނުޖެހި އޮތުމަށް - ތާއީދުކުރީ ދެ މެމްބަރުން
އެމްޑީޕީއާ އެކު ހަދާފައިވާ އެއްބަސްވުން ދެމެހެއްޓުމަށް - ތާއީދުކުރީ ދެ މެމްބަރުން
އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން ރޫޅާލުމަށް ފަހު ޕީޕީއެމް-ޕީއެންސީއާ ގުޅުމަށް - 33 މެމްބަރުން ތާއީދުކުރި
ވޯޓުގައި ބައިވެރިވީ 36 މެމްބަރުން
ކީއްވެ؟ - މައުރޫފް ވިދާޅުވީ އެގޮތަށް ނިންމީ ރައީސް ސޯލިހަށް ދެވަނަ ބުރު ކާމިޔާބުނުކުރެއްވޭނެ ކަމަށް މެމްބަރުންނަށް ގަބޫލުކުރެވޭތީ ކަމަށާއި އިދިކޮޅު ކެންޑިޑޭޓު މުއިއްޒުއަށް ގިނަ ބަޔަކު ތާއީދުކުރަމުންދާކަން ފުރަތަމަ ބުރުގެ ނަތީޖާއިން ފެންނަން އޮތުމުން ކަމަށެވެ.
ބުނީ ކީކޭ؟ - "މިއަދު ރާއްޖޭގެ ސިޔާސީ ހަގީގަތް ފުރޮޅުމާ އެކީގައި، އިތުރު އެއްވެސް ޕާޓީއެއް ރައީސް ސޯލިހާ އެކު ކޯލިޝަން ނެހެދުން ވެގެން ދިޔައީ އިންތިހާބު ކާމިޔާބު ކުރަން އެޅުނު ވަރަށް ބޮޑު ހުރަހަކަށް. ހަމައެއާއެކީގައި ޑރ. މުއިއްޒަށް ތާއީދު ބޮޑުވަމުންދާކަން އަޅުގަނޑުމެންގެ މެމްބަރުން ފާހަގަކުރި،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް އިތުރަށް ވިދާޅުވީ، ދެވަނައާ އެކު ދެވަނަ ބުރަށް ދިއުމަށް ފަހު ކެމްޕެއިން މަޑުޖައްސާލައި، އެމްޑީޕީ ހަމަހިމޭންވި ކަމަށެވެ.
ޕީޕީއެމް-ޕީއެންސީގެ ކެމްޕެއިންތަކުގައި ބައިވެރިވާނެތޯ ސުވާލުކުރުމުން ސިޔާމް ވިދާޅުވީ، އެމްޑީއޭ އަކީ ކޯލިޝަން ހަދާ ބަޔަކާ އެކު ކާމިޔާބީ ހޯދުމަށް ފުރިހަމައަށް މަސައްކަތް ކުރާ ބައެއް ކަމަށާއި ޕީޕީއެމް-ޕީއެންސީ އާއެކު ވެސް މަސައްކަތް ކުރާނީ އެގޮތަށް ކަމަށެވެ.
ފަސްމަންޒަރު - އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމައި، ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި ރައީސްގެ ކޮންމެ ކެމްޕެއިން އިވެންޓެއްގައި ސިޔާމް އާއި އެ ޕާޓީގެ އިސް އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި ނަމަވެސް، ފުރަތަމަ ބުރުގައި ރައީސް ދެވަނައަށް ވަޑައިގެންނެވި ފަހުން ދެވަނަ ބުރަށް އެމްޑީޕީން ބާއްވާ އެއްވެސް ހަރަކާތަކުން ސިޔާމް ފެނިފައެއް ނުވެ އެވެ. އެކަމަކު މައުރޫފް ބައެއް ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ފައްޔާޒު އެމްޑީއޭއަށް: 'ނިންމުމަށް އިހުތިރާމް ކުރަން، އެމްޑީޕީ އަކީ ކުރި ހޯދާ ޕާޓީ'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ