މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ޔާމީން ވަޑައިނުގަންނަވާ

އައު ރައީސުލްޖުމްހޫރިއްޔާ ކަމަށް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ނައިބު ހުސެއިން މުހައްމަދު ލަތީފު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސް އަބުދުالله ޔާމީން އަބުދުލްގައްޔޫމް ވަޑައިނުގަންނަވާ ގޮތަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ހައިބަތު ބޮޑު މިފަދަ ޖަލްސާއެއްގައި ބައިވެރިވުމަކީއެ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނެ ކަމެއް ކަމަށް ރައީސް ޔާމީން ދެކިވަޑައިގަންނަވާ ކަމަށާއި, އެއީ ތަހުޒީބު މުޖުތަމައުތަކުގައި ޤަބޫލުކުރާ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށް ރައީސް ޔާމީން ޤަބޫލުފުޅު ކުރައްވާތީ ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ޔާމީން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވަނީ ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާތީ މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ ރަނގަޅު ކަމެއް ކަމަށް ރައީސް ޔާމީން ދެކިވަޑައި ނުގަންނަވާތީ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގެ މެންބަރު އާދަމް ޝަމީމް އާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނެއެވެ.
މާދަމާގެ  ޑރ, މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާއަށް ވަޑައިގެންނެވުމަށް ދައުވަތު އަރުއްވާފައިވަނީ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި އިރެވެ.
އިންތިހާބީ ރައީސް މުއިއްޒު ހުވާކުރެއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:45  ގައި ޖުމްހޫރީ މައިދާނުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ