ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ޖަލްސާ ކުރިއަށް ނުގެންދަން އަމީން އާންމު ނިންމެވުމާ ގުޅިގެން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިއްޔެ ސަލާމުގައި ހުންނެވުމުން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމަން އިއްޔެއަށް ތާވަލުކުރި ޖަލްސާ ކުރިއަށް ނުގެންދަން އަމީން އާންމު ފާތިމަތު ނިއުޝާ ނިންމެވީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ.
އެ ހުށަހެޅުމުގައި އެ ކޯޓުން ދެ އަމުރެއް ނެރެދިނުމަށް އެމްޑީޕީން އެދިފައިވެ އެވެ.
ފުރަތަމަ ކަމަކީ ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމެވުމުގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި ނުވަތަ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތެރެއިން މެމްބަރެއް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ދެވަނަ ކަމަކަށް އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައިސް މަގާމުން ވަކިކުރުމަށް ގަރާރާމެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ނަޝީދު ވަކިކުރުން: އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ