ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވާން އެދިއްޖެ

ކުރިއަަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވާނެތީ، ސަމާލުވުމަށް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އެދިއްޖެއެވެ.
މެޓް އޮފީހުން މިރޭ ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވޭތިވެ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޑިސެމްބަރުމަހުގެ ފަހުކޮޅު ވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ކުރިމަތިވީ މޫސުން ގޯސް ދުވަސްތަކެކެވެ. ޚާއްސަކޮށް މަހުގެ ފަހު ދުވަހާއި އެރޭ ގިނަ ސަރަހައްދުތަކަށް ވަރަށް މޫސުން ގޯސްވިއެވެ.
އެ ވިއްސާރާގައި ފެންބޮޑުވުމުގެ ހާދިސާތަކާއި، މީހުންގެ މުދަލައްގެއްލުންވެ، ބައެއް ރަށްރަށުގެ ބައެއް ގޭތަކުން މީހުން ވެސް އެހެން ތަންތަނަށް ބަދަލު ކުރާން ޖެހުނެވެ.
މި ވިއްސާރާގައި 31 ޑިސެމްބަރު 2023 ގެ ހެނދުނު 8:00 އިން 1 ޖެނުއަރީ 2024 ގެ ހެނދުނު 8:00 އަށް މެޓް އޮފީހުން ނަގާފައިވާ ރެކޯޑަށް ބަލާއިރު ހުޅުމާލެ އަށް ވަނީ 179.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ދެ ވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނު މާލެ 118.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ތިން ވަނަ އަށް އެންމެ ގިނައިން ވެހުނު ގޮއިދޫ އަށް 105.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ދެން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކ. ދިއްފުށި، މ. މުލި، ގދ. ކާޑެއްދޫ، ކ. ގާފަރު އަދި ހދ. ހަނިމާދޫ އަށެވެ. މީގެ ތެރެއިން ދިއްފުއްޓަށް 72 މިލިމީޓަރު، މުއްޔަށް 66 މިލިމީޓަރުގެ، ކާޑެއްދޫ އަށް 48 މިލިމީޓަރު، ގާފަރަށް 46.8 އަދި ހަނިމާދޫ އަށް 46.2 މިލިމީޓަރުގެ ވާރޭ ވެހިފަވެއެވެ.
މި މުއްދަތުގެ ތެރޭގައި ދެން އެންމެ ގިނައިން ވާރޭ ވެހުނު ރަށްތަކުގެ ތެރޭގައި ށ. ފުނަދޫ، އއ. ތޮއްޑޫ، ބ. ދަރަވަންދޫ، ށ. ކޮމަންޑޫ، ރ. އަލިފުށި އަދި ހދ. މަކުނުދޫ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ