ނަތަންޔާހޫގެ މައްސަލަތައް ބަލާ ފަނޑިޔާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

ޓެލްއަވީވު (7 ޖަނަވަރީ 2026): އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނާއި ފަސާދައާއި މަގާމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ދައުވާތައް ބަލާ އިސް ފަނޑިޔާރު ބެގީ ސާގީ، މަގުމަތީގެ އެކްސިޑެންޓެއްގައި މަރުވިކަން އެ ގައުމުގެ މީޑިއާތަކުން ހާމަކޮށްފިއެވެ. އިސްރާއީލުގެ ނޫސްތައް ބުނާގޮތުން ބެގީ ސާގީއަކީ ނަތަންޔާހޫގެ މައްސަލަތައް ބަލާ ބިއުރުއްސަބްއު ކޯޓުގެ އިސް ފަނޑިޔާރެވެ. ބެގީ މަރުވެފައިވަނީ ބިއުރުއްސަބްއުގެ ސަރަހައްދެއްގެ ހައިވޭއެއްގައި ސައިކަލެއްގައި ދަނިކޮށް ބާރަށް ދުއްވާފައި އައި ހަތަރު ފޮރޮޅުލީ ވެހިކަލެއް އެ ސައިކަލުގައި ޖެހި އެކްސިޑެންޓް ވެގެންނެވެ. މި ހާދިސާގައި ބެގީ ވަނީ ވަގުތުން މަރުވެފައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސްވަނީ މަރުވެފައިކަމަށް ރިޕޯޓްތައް ބުނެއެވެ. ބެގީގެ ސައިކަލާ ދިމާއަށް ވެހިކަލް އައީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށް މަންޒަރު ދުށްމީހުން ބުނެއެވެ. ބާރުސްޕީޑެއްގައި ބެގީ އާ ދިމާއަށް ވެހިކަލެއް އައިސް އޭނާގެ ގައިގައި ޖެއްސުމުން މިއީ އެކްސިޑެންޓެއްތޯ ނޫނީ ގަސްދުގައި ހިންގި އަމަލެއްތޯ ވަނީ ސުވާލު އުފެދިފައެވެ. މި ހާދިސާ އާ ގުޅިގެން އެ ސަރަހައްދަށް ދިޔަ ސިއްހީ އެހީތެރިން ބުނެފައިވާ ގޮތުން އެކްސިޑެންޓްގައި ބެގީ ސާގީ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. އޭނާގެ އެތެރެހަށިންވަނީ ގިނަ އަދަދަކަށް ލޭ ފައިބައިފައެވެ. އެކްސިޑެންޓް ވީގޮތާމެދު ފުލުހުންވެސްވަނީ ހައިރާންވެފައެވެ. ނަތަންޔާހޫގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނާއި ފަސާދައާއި މަގާމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ދައުވާތައް ކުރިޔަށްދާތާ ފަސް އަހަރު ވެފައިވީ ނަމަވެސް މިކަން ކޮޅެއްގައި ޖެހިފައެއް ނުވެއެވެ. މި ދައުވާތަކަށް ނުފޫޒު ހިންގާ ކަމުގެ ތުހުމަތު ނަތަންޔާހޫގެ މައްޗަށްވަނީ ކުރެވިފައެވެ. ކޯޓުގެ އަޑުއެހުންތަކަށް ނަތަންޔާހޫ ހާޒިރުނުވާ މައްސަލަ ފެންމަތިވެފައިވާއިރު ދައުވާތައް އަނބުރައި ގެނެސް ނަތަންޔާހޫއަށް މައާފު ދިނުމަށް އެދި އޭނާ ވަނީ ޔަހޫދީ އިސްރާއީލުގެ ރައީސް އިސްހާގް ހެރްޒޮގްއަށް އިލްތިމާސްކޮށްފައެވެ. ނަތަންޔާހޫގެ މައްސަލަތައް ބަލާ ފަނޑިޔާރު ކުއްލި ގޮތަކަށް އެކްސިޑެންޓެއްގައި މަރުވި މައްސަލާގައި އިސްރާއީލުގެ އާންމުންގެ މެދުގައިވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ