ރިސޯޓެއްގެ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އޮޅިގެން ނުބައި މީހެއް އަތަށް ދިން 94،000ރ. ހޯދައިފި

ހަދަމުން އަންނަ ރިސޯޓެއްގެ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އޮޅިގެން ނުބައި މީހަކާ ހަވާލުކުރެވުނު 94،000ރ. ހޯދައި ވެރިފަރާތާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުުނި ގޮތުގައި، މި މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި ޓީޖެޓީގައި އޮތް ބޯޓެއްގެ ކެޕްޓަނާ ހަވާލުކުރި 94،000ރ. ލާފައިވާ ސިޓީ އުރައެއް ލިބެންވާ ފަރާތަށް ނުލިބި ގެއްލިފައިވާ މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.
ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި:
މި ފައިސާއަކީ ދ. އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ 
ރިސޯޓަށް ފޮނުވުމަށްޓަކައި ފައިސާ ހަވާލުކުރެވިފައިވަނީ ހަވާލުކުރަންޖެހޭ ބޯޓުގެ ކެޕްޓަން ނޫން އެހެން ބޯޓެއްގެ ކެޕްޓަނަކާ
ތަފްސީލް - ފުލުހުން ބުނީ މާފަންނު ޕޮލިހަށް މި މައްސަލަ ހުށަހެޅުމުން ސީސީޓީވީ ފުޓޭޖުން ވެސް ބޯޓު ދެނެގަނެވިފައިނުވާ ކަމަށެވެ. އޭގެ ފަހުން:
ބޯޓު އޮތް ސަރަހައްދަށް ފުލުހުން ގޮސް، އެކި މީހުންނާ ސުވާލުކޮށް ހޯދި މައުލޫމާތުން ފައިސާއާ ހަވާލުވި ބޯޓު ދެނެގަނެވި ކެޕްޓަނާ ގުޅިފައިވޭ
އެ ބޯޓުގެ ކެޕްޓަނާ ގުޅުމުން ބޯޓު އޮތީ ވ. އަތޮޅުގައި ކަމަށާއި މީހަކު ގެނެސްދިން ސިޓީ އުރައެއް ބޯޓުގައި ހުރި ލޮކަރުގައި އޮތް ކަމަށް ކެޕްޓަން ފުލުހުންނަށް މައުލޫމާތު ދީފައިވޭ
އެ ފައިސާތައް މިދިޔަ ހޯމަ ދުވަހުގެ ރޭ ކެޕްޓަން ފުލުހުންނާ ހަވާލުކޮށްފައިވޭ
ނަގުދު ފައިސާ ގެންގުޅުމުގަ އާއި ފައިސާ މީހުންނާ ހަވާލުކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރި އެވެ. ފުލުހުން ބުނީ ފައިސާ ހަވާލުކުރާއިރު، ހަވާލުކުރާ ފަރާތަކީ ކާކުކަން ޔަގީންކުރުމާއި ބޯޓުގެ ނަމާއި ގުޅޭނެ މައުލޫމާތު ކަށަވަރުކުރުމުގެ އިތުރުން، ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ ޑިޖިޓަލް ކަށަވަރުކުރުމެއް ހޯދުމަކީ މިފަދަ ކަންކަން މަދުކުރުމަށް ކުރެވިދާނެ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ