ސަރުކާރުން ވިނަރެސް ފްލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކުރުމުން ލިބެންޖެހޭ ފައިސާ، އޭގެ ކުރިން އެއްފަހަރާ ފައިސާ ދައްކާފައިވާ މީހަކަށް ނުދީގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ވިނަރެސް މަޝްރޫން ފްލެޓު ގަތް މީހުންގެ އެދުމުގެ މަތިން ރައީސް މުހައްމަދު މުއިއްޒުގެ 'ހަފްތާ 14'ގެ މަގު ޗާޓާ އެއްގޮތަށް ފްލެޓުތަކުގެ އަގު ކުޑަކޮށް ޑައުންޕޭމަންޓް ދެއްކުމަށް ލުއިތަކެއް ދީފައިވަނީ ފެބްރުއަރީ 2024ގަ އެވެ.
އެގޮތުން:
'ލީސް ޓު އޯން މޮޑެލް'ގެ އިންޓްރެސްޓު ރޭޓު %9 އިން %6އަށް ބަދަލުކުރި
ޑައުންޕޭމަންޓު %50 ކުޑަކޮށް، %50 ފުލެޓުގެ އަގުން ވެސް އުނިކޮށްފައިވޭ
6% އިންޓްރެސްޓް ރޭޓްގައި ފްލެޓަށް މަހަކު ދައްކަން ޖެހޭ އަދަދު 4،200ރ.އަށް ކުޑަކުރި
މި ބަދަލާ އެކު ވިނަރެސް މަޝްރޫން ފްލެޓު ލިބުނު މީހުންގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނުވަތަ އެއްފަހަރާ އަގު އަދާކުރާ އުސޫލުން ފުލެޓް ގަނެފައިވާ ފަރާތްތަކަށް ވެސް މި ލުއިތައް ލިބިގެންދާނެ ކަަމަށް އެޗްޑީސީން އޭރު ބުނި
އެ ފަރާތްތަކަށް ފައިސާ ދޭނެ ގޮތެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޑީސީން އޭރު ބުނި
ތަފްސީލް - އެއްފަހަރާ އަގު އަދާކޮށް ވިނަރެސް މަޝްރޫން ފްލެޓު ގަތް މީހަކު އެޗްޑީސީއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެ ލުއި ފްލެޓު ގަތް ބައެއް މީހުންނަށް ދީފައިވާއިރު، މިހާތަނަށް ވެސް އޭނާއަށް އެ ލުއި ދީފައި ނުވާ ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި އެދިފައިވަނީ:
ވަކި މީހަކަށް އެ ލުއި ދީފައިނުވުމަކީ ގާނޫނުއަސާސީގައި ބުނާ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައިދިނުމަށް
އެހެން މީހުންނަށް ދިން ލުއި އޭނާއަށް ދިނުމެއްނެތި، ދައްކާފައިވާ ފައިސާ އެކުގައި އެޗްޑީސީން ބޭނުންކުރުމަކީ އެ ކޯޕަރޭޝަނުން ހޯދާފައިވާ ނުހައްގު މަންފާއެއް އަދި މުއްސަނދިކަމެއް ކަމުގައި ކަނޑައަޅައިދިނުމަށް
ލޯނެއް މެދުވެރިކޮށް އޭނާ އެޗްޑީސީއަށް ދެއްކި ފައިސާގެ ތެރެއިން ކުއްޔަށް ގެނައި ބަދަލާ އެކު އިތުރަށް ދައްކާފައިވާ ފައިސާއަކީ އަނބުރާ ލިބެންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައިދިނުމަށް
ދައުވާއަށް ޖަވާބުދާރީވާން އެންގުމުން އެޗްޑީސީން ވަނީ ކޯޓުގެ އިހްތިސާސްއާ މެދު ސުވާލު އުފައްދާ އެއީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެފަ އެވެ. އިހުތިސާސްއާ މެދު ސުވާލު އުފައްދާފައިވަނީ ހޯދަން އެދިފައިވާ ހައްލުގައި ފައިސާގެ އަދަދު ހިމަނާފައިނުވާތީ އެވެ.
އެކަމަކު ކޯޓުން އިއްޔެ އިހްތިސާސްއާ މެދު ނިންމި ނިންމުމުގައި ވަނީ، އެ މައްސަލާގައި ދައުވާކުރި މީހާ ހޯދަން އެދިފައިވަނީ ފައިސާގެ އަދަދެއް ހިމެނޭ ހައްލަކަށް ނުވާތީ އެއީ ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި 14 ދުވަސް ތެރޭ، ދައުވާއަށް ޖަވާބުދާރީވުމަށް އެޗްޑީސީއަށް އަންގާފައިވެ އެވެ.
ވިނަރެސް ފްލެޓަށް އެއްފަހަރާ ފައިސާ ދެއްކި މީހަކަށް ކުލި ކުޑަކުރި ފަހުން ލިބެންޖެހޭ ފައިސާ ނުދީގެން ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ