ސްރީ ލަންކާގައި 2019ގައި ދިން އީސްޓާ ސަންޑޭ ބޮމުގެ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ، މޭޖާ ޖެނެރަލް ރިޓަޔާޑް ސުރޭޝް ސަލޭ މިއަދު ހައްޔަރުކޮށްފި އެވެ.
ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ރޭ ފަތިހުގެ ވަގުތެއްގައި ސަލޭ ހައްޔަރުކުރީ ކޮަލަމްބޯއިންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބޮމުގެ ހަމަލާ ދިނުމުގައި ބައިވެރިވުމާއި އެކަމަށް އެހީތެރިވެދިންކަމުގެ ތުހުމަތުގަ އެވެ.
ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި، ހަމަލާ ދިނުމުގައި ބައިވެރިވި މީހުންނާ ސަލޭއާ ދެމެދު ފަހަކަށް އައިސް ވެސް ގުޅުން އޮތްކަން ވަނީ ފާހަގަކުރެވިފަ އެވެ. މިއީ 279 މީހުން މަރުވި މި ހަމަލާގެ ތަހުގީގުގައި މިހާތަނަށް ހައްޔަރުކުރި އެންމެ މަތީ ފަންތީގެ އޮފިޝަލެވެ.
މި ހަމަލާތައް 21 އޭޕްރީލް 2019ގައި ދިނީ ކޮލަމްބޯގެ ތިން ހޮޓަލަކަށާއި ތިން ފައްޅިއަކަށް އަމާޒުކޮށެވެ. މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލި ނަމަވެސް، ތަހުގީގުތަކުން ދައްކާ ގޮތުގައި މިއީ އެ ގައުމުގެ ހަރުކަށި ފިކުރުގެ ބަޔަކު ދިން ހަމަލާއެކެވެ.
މި ހަމަލާގެ އިންސާފަށް އެދި ވަކާލާތުކުރަމުންދާ ކެތޮލިކް ޗާޗުން ވަނީ ސަލޭ ހައްޔަރުކުރުމާ ގުޅިގެން މަރުހަބާ ކިޔާފަ އެވެ. ޗާޗުގެ ތަރުޖަމާނު ސައިރިލް ގާމިނީ ފެނާންޑޯ ވިދާޅުވީ، ބޭނުންވަނީ މި ހަމަލާގެ ފަހަތުގައިވާ ހަގީގަތް ހޯދައި އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކަމަށެވެ. މީގެ ކުރިން އައި ސަރުކާރުތަކުން މި ހަމަލާ ރޭވި އަސްލު މީހުން ހޯދުމުގައި ނާކާމިޔާބުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ސަލޭއަކީ 2019 ވަނަ އަހަރު ގޯތާބަޔާ ރާޖަޕަކްސަ ވެރިކަމަށް ވަޑައިގަތުމަށް ފަހު ސްޓޭޓް އިންޓެލިޖެންސް ސާވިސްގެ ވެރިޔާގެ މަގާމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. ސަލޭ މަގާމުން ވަކިކުރީ 2024 ވަނަ އަހަރު ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެވެ.
އޭގެ ކުރިން، 2023 ވަނަ އަހަރު ޗެނަލް 4 އިން ނެރުނު ރިޕޯޓެއްގައި ސަލޭ އާއި ހަމަލާދިން މީހުންނާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށްފައިވީ ނަމަވެސް، އޭނާ އެކަން ދޮގުކުރެ އެވެ.
މި ހަމަލާގައި 500އަށް ވުރެ ގިނަ މީހުން ޒަހަމްވެ، ލަންކާގެ ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
މީގެ ކުރިން ކުރި ތަހުގީގުތަކުން އެނގުނު ގޮތުގައި، އިންޑިއާގެ އިންޓެލިޖެންސް އިދާރާތަކުން ހަމަލާގެ އިންޒާރު ދީފައިވަނިކޮށް، އެކަމަށް ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ސަމާލުކަން ދީފައެއް ނުވެ އެވެ. މި އިހުމާލާ ގުޅިގެން ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އާއި އިސް އޮފިޝަލުން ޖޫރިމަނާކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ލަންކާގެ ބޮމުގެ ހަމަލާއާ ގުޅިގެން އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ