ސޫރަތުލް ހައްޖުގެ 31 އާޔަތުގައި ﷲ މިސާލެއް ދައްކަވަ އެވެ. މިއީ މި ސޫރަތުގައި ﷲ ދެއްވާ ދެވަނަ މިސާލެވެ. ﷲ މި މިސާލު ގުޅުވަނީ ޝަރީކުކުރުމާ އެވެ. ޝަރީކުކުރުމުގެ ނުރައްކަލާއި އެކަމުގެ ބިރުވެރިކަން މި މިސާލުން ބަޔާންކޮށްދެ އެވެ. ހައްޖު ސޫރަތުގެ 31 ވަނަ އާޔަތުގައިވެ އެވެ. "ﷲއަށް އިޚުލާސްތެރިވެ، ބާތިލު މަގުން އެއްކިބާވެ، ހައްގުގެ މަގަށް ތަބާވެ ތިބެ، އެކަލާނގެއަށް ޝަރީކުނުކުރާ ހާލުގަ އެވެ. އަދި ﷲއަށް ޝަރީކުކުރާ މީހާ ދަންނާށެވެ! ފަހެ، އެމީހާ އުޑުން ވެއްޓި، ދޫނިތައް އެމީހާ ޖަހައިގަނެގެން ގެންދާ ނުވަތަ ވަޔާ އެކު ދުރު ތަނަކަށް ވެއްޓިގެންދާ މީހެއް ފަދަ އެވެ."
މި މިސާލުގައި މުހިންމު ލަފުޒެއް ވެއެވެ. އެއީ ހުނަފާ އެވެ. އިބްރާހީމްގެ ފާނަކަީ ތައުހީދުގެ ބަފައިކަލުންނެވެ. އެކަލޭގެފާނަކީ ޝަރީކުނުކުރުމުގައި ނަމޫނާ ބޭކަލެކެވެ. އިބުރާހީމްގެފާނަށް ނިސްބަތްކުރައްވައި ﷲ، ކީރިތި ޤުރްއާނުގެ އެކި އާޔަތްތަކުގައި ޙަނީފް ނުވަތަ ޙުނަފާ ބަޔާންކުރައްވަ އެވެ. މި ބަހުގެ އެއް މާނަޔަކީ ސީދާ މަގުން ތެދަށް ހުރުމެވެ. ސީދާ ތެދަށް ހުރުމަށްޓަކައި ކުރާ ފުރަތަމަ ކަމަކީ ﷲގެ އެއްކައުވަންތަކަން ގަބޫލުކޮށް ﷲއަށް އީމާންވުމެވެ. އަދި ﷲއާ އެހެން އެއްވެސް ފަރާތެއް ބައިވެރިނުކުރުމެވެ.
މި މިސާލުގައި ވިސްނާލަން ޖެހޭ އިތުރު ލަފުޒެއްވެ އެވެ. އެއީ ޚަޠުފް ނުވަތަ ޚިޠާފް އެވެ. ގަދީމީ އަރަބި ބަހުގައި މި ބަހުގެ އެއް މާނަޔަކީ ހިޔަޅު، ކަންބަޅި ޝިކާރަކޮށްގެން ކާ ގޮތެވެ. އެއީ ހިޔަޅު، ކަންބަޅިއެއް އަތުލައިގަނެ އެސޮރުގެ ގައިގައި ދައިގަތުމަށެވެ. އެގޮތަށް ދައިގަތުމާ އެކު ކަންބަޅީގެ ގައިން މަސްގަނޑެއް އިރައިގެން ހިޔަޅު ދުވެދެ އެވެ. އޭރު ކަންބަޅި އޮންނާނީ މަރުނުވެ އެވެ. މި މިސާލުގައި ﷲ ބަޔާންކުރައްވަނީ އުޑުން ވެއްޓޭ އިންސާނާ ބިމުގައި ޖެހުމާ އެކު ވަލު ދޫނިތައް އައިސް އޭނާގެ ހަށިގަނޑުން މަސްގަނޑެއް ވީދައިގެން ދާ ވާހަކަ އެވެ.
ރަސޫލުﷲ ދީނަށް ގޮވައިލައްވަން ފެއްޓެވިއިރު ޤުރައިޝް ވަންހައިގެ މީހުންނަކީ ޝިރުކުގެ ތެރެއަށް ގެނބިފައި ތިބި ބައެކެވެ. އޭރު އެމީހުން ވަރަށް ގިނަ ކަލާނގެ ގެންގުޅުނެވެ. އެމީހުން ދުށްގޮތުގައި އެންމެ ބޮޑު ކަލާނގެއަކީ ﷲ އެވެ. އެމީހުން ކުދި ކަލާނގެތަކަށް ހަމައެކަނި އަޅުކަންކުރީކީ ނޫނެވެ. އެކަމަކު އެމީހުން އެ ބުދު ކަލާނގެތައް ބެހެއްޓީ ގެފުޅުގެ ވަށައިގެންނެވެ. އަދި ގެފުޅުގެ ވަށައިގެން ބުދުތައް ބަހައްޓައިގެން އެބުދުތަކަށް އެމީހުން އަޅުކަންކުރި އެވެ. އެހެންކަމުން ޝަރީކުރުމުގައި އެމީހުން ތިބީ އެންމެ ކުރީގަ އެވެ.
އެމީހުންނަށް ގެފުޅު މުހިންމުވީ ގޮތަކީ އެއީ އިބްރާހީމް ޢަލައިހިއްސަލާމް ބިނާކުރެއްވި ހުރުމަތްތެރިވެގެންވާ ގެކޮޅެއްކަން އެމީހުންނާ ހަމައަށް ތުންތުން މަތިން އައިސްފައި ވީތީ އެވެ. އަދި އެމީހުންގެ ބަފައިކަލުން އިސްމާއީލްގެފާނު ގެފުޅަށް ކަމޭހިތްތަވައި ގެފުޅުގެ ވަށައިގެން އަޅުކަންކުރެއްވިކަން ތުންތުން މަތިން އެމީހުންނާ ހަމައަށް އައިސްފައިވީތީ އެވެ. އަދި ހައްޖުގެ އަޅުކަމާއި ތަވާފްކުރުމާއި ގުރުބާނީ ކަތިލުމާއި ސަފާ މަރުވާއަށް ހުރުމަތްތެރިކޮށް ހިތުން އޮތީ މައްކާގެ މުޝްރިކުންނާ ހަމައަށް ފޯރައިފަ އެވެ. އެކަމަކު އެހުރިހާ އަޅުކަމެއް އެމީހުން ކުރީ ޝިރުކުގެ މަތީގައި ތިބެގެންނެވެ. އެމީހުން އެކަން ކުރީ އިބުރާހީމްގެފާނު ދަސްކޮށްދެއްވައި އެކަލޭގެފާނު އެކަންކަން ކުރެއްވި ގޮތަކަށް ނޫނެވެ.
ތައުހީދުގެ ބަފައިކަލުން އިބްރާހީމްގެފާނަކީ ވަރަށް ތަފާތު ގޮތަކަށް ކަންކުރެއްވި ބޭކަލެކެވެ. އާންމުކޮށް މީހުން ކަންކުރާ ގޮތަކީ އެމީހުންގެ ކާބަފައިންނާއި މައިންބަފައިން ތަބާވާ ދީނަކަށް ތަބާވުމެވެ. އެކަމަކު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ބަފައިކަލުންނާ ސުވާލުކުރައްވައި ޖަދަލުކުރައްވި އެވެ. އަދި ބަފައިކަލުންގެ ދީނަކީ ބާތިލު ދީނެއްކަމުގައި ވިދާޅުވި އެވެ. އެކަލޭގެފާނު ﷲ މެނުވީ އެހެން ފަރާތަކަށް އަޅުކަން ނުކުރައްވަ އެވެ. އެކަމަކު އެކަލޭގެފާނަށް ﷲ ދެއްވި އިސްލާމް ދީން ޒަމާނާ އެކު ބަދަލުވެ މުޅިން ތަގައްޔަރުވި އެވެ. ރަސޫލުﷲ ރަސޫލުކަމައިގެން ފޮނުއްވިއިރު އިބްރާހީމްގެފާނުގެ ދީން އޮތީ މުޅިން ގަޑުބަޑުވެފަ އެވެ.
އަރަބީންނަކީ އެމީހުންގެ ނަން ދިރުވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ބައެކެވެ. އެގޮތުން މަރުވުމުން އެމީހުންގެ ޒިކުރާކުރެވޭނެ ގޮތްތައް ހޯދުމަކީ އެމީހުން އިސްކަންދިން ކަމެކެވެ. ޒިކުރާ ފެށޭ ހިސާބަކީ މަރުވާ މީހާގެ ގަބުރެވެ. ﷲ މި މިސާލުގައި ދެއްވަނީ ވަރަށް ވަރުގަދަ ތަސްވީރެކެވެ. މި ތަސްވީރުން ފެންނަނީ އުޑުން ވެއްޓޭ މީހާ ބިމުގައި ޖެހުމާ އެކު ދޫނިތައް އޭނާގެ ހަށިގަނޑު ވީދައިގެން ކާ މަންޒަރެވެ. މިއީ ވޭންދެނިވި މަރެއްގެ މަންޒަރު ވެސް މެއެވެ. އުޑުން ވެއްޓޭ މީހާގެ ދެވަނަ ތަސްވީރެއް ވެސް ﷲ ދައްކަވަ އެވެ. އެއީ ބިމުގައި ޖެހި ވަގުތުން މަރުވާ މީހާ އެވެ. އެމީހާ މަރުވެ އެތަނުގައި ކުނިވެ ނެތިފަނާވެގެންދެ އެވެ. އާޚިރުގައި އޭނާގެ ކަށިތައް ވަޔާ އެކު މާ ދުރު ހިސާބުތަކަށް ދެއެވެ. މިއިން އެއްވެސް ތަސްވީރެއްގައި މަރުވި މީހާގެ ވަސް ވެސް ނުވެ އެވެ. އެހެންކަމުން އޭނާގެ ނަން ދިރުވޭނެ އެއްވެސް ގޮތެއް ނުވެ އެވެ.
ގަދީމީ އަރަބީން 'އުޑުން ވެއްޓުން' މި ބަސް ބޭނުންކުރީ ފަރުބަދައެއްގެ އެންމެ މަތިން ވެއްޓުމަށެވެ. ފަރުބަދައެއްގެ މަތިން މީހަކު ވެއްޓޭނީ ތަޅާފޮޅުމެއްގެ ތެރެއިން ނުވަތަ ހަނގުރާމައެއްގެ ތެރެއިންނެވެ. އާންމުކޮށް ހަނގުރާމައެއްގައި ކާމިޔާބު ލިބުން އޮންނާނީ ފަރުބަދައިގެ މަތީގައި ތިބި ހަނގުރާމަވެރިންނަށެވެ. އެކަން އެގޮތަށް އޮއްވާ އެތަނުން މީހަކު ވެއްޓުމުގެ މާނަޔަކީ ކުރި ލިބިފައިވަނިކޮށް ވެސް ދުޝްމަނުންގެ ހަމަލާއެއްގެ ޝިކާރައަކަށް ވެ ބަލިވެގެން ވެއްޓުމެވެ. މިއިން ދައްކައިދެނީ ބަލިވުމެވެ. އަނެއްކޮޅުން ފަރުބަދައިން އެނޫން ގޮތަކަށް ވެއްޓުމަކީ ވެސް ތިމާގެ ބަލިވުމެވެ. މި މިސާލުން އަންގައިދެނީ ޝަރީކުކުރާ މީހުންނަކީ ބަލިވާ ބައެއްކަމެވެ. ބަލިވުމަކީ ނިކަމެތި، ލަދުވެތި ކަމެކެވެ. އާޚިރަތް ދުވަހު އެމީހުން ތިބޭނީ ހަގީގަތުގައި ވެސް ބަލިވި ބައެއްގެ ގޮތުގަ އެވެ.
އިސްލާމީ ދުނިޔެއަށް ނަޒަރު ހިންގާއިރު މިހާރުވެސް މުސްލިމުންގެ މެދުގައި ޝިރުކު އެބަ އޮތެވެ. މަގުބަރާތައް ހަދައި އެތަނުގައި އަޅުކަންކުރުމާއި މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމަކީ ބައެއް މުސްލިމުންގެ މެދުގައި އޮންނަ ކަމެކެވެ. މައުލޫދުކިޔުމާއި ރާހިބެލުމާއި މިނޫން ވެސް އެކި ކަހަލަ ކަންކަން މުސްލިމުންގެ މެދުގައި ހިނގަ އެވެ. ޕާކިސްތާނާއި އިންޑިއާ ފަދަ ގައުމުތަކުން އެފަދަ މިސާލުތައް ގިނަ އެވެ. ހައްޖު އުމުރާގެ އަޅުކަމަށް މައްކާއަށް ދަތުރުކުރާ މީހުން ގެފުޅުގައި ބައްދާ ބޮސްދެ އެވެ. އެންމެ ހުރުމަތްތެރިވެގެންވާ ހަރަމްފުޅުގައި އެންމެ ހުރުމަތްތެރިވެގެންވާ އަޅުކަމުގައި މުސްލިމުން ދެއްކުންތެރިކަން ހުރީ އިންތިހާއަށެވެ. އެމީހުންގެ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގައި އާންމުކުރުމަކީ އާދައެކެވެ. މިއީ މުޅިން ވެސް ޝިރުކުގެ ވައްތަރުތަކެވެ. ﷲގެ މާތްކަމާއި މަތިވެރިކަން ކުޑަކުރަން ކުރެވޭ ކޮންމެ ކަމަކީ ޝިރުކުގެ އަމަލެކެވެ.
އިސްލާމީ ގައުމުތަކުގައި ވެރިންނަށް ސަނާކިޔައި އެމީހުންނަށް ހުޝާމަދުކުރުމަކީ އާންމުކަމެކެވެ. މުދަލާއި ފައިސާއަށް އިސްކަންދީގެން ހޯދުނު ގޮތަކަށް އެތަކެތި ހޯދުމަކީ ވެސް މުސްލިމުންގެ މެދުގައި އާންމު ކަމެކެވެ. އެގޮތުން މަކަރާއި ހީލަތުން ތަރިކަ މުދަލަށް ވެރިވުމަކީ ވެސް އާދަކޮށް ހިނގާ ކަންކަމެވެ. މިއީ މުޅިން ވެސް ޝިރުކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އުޑުން ވެއްޓި މަރުވެ ދޫނިތައް އައިސް ތިމާގެ މަސްގަނޑު ކާ މީހެއްގެ ހާލަތަށް ނުދިއުމަށްޓަކައި ކޮންމެ މުސްލިމަކު ވެސް ކީރިތި ޤުރްއާނުގައި ފިސާރި ވަރުގަދައަށް ހިފަން ޖެހޭކަން މި މިސާލުން ކަށަވަރުވެ އެވެ.
ޤުރުއާނާއި މިސާލު: އުޑުން ވެއްޓުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ