ދިފާއީ މަޝްވަރާތައް ހިމެނޭ ދަތުރެއްގައި މޯދީ އިޒްރޭލަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ދެ ދުވަހުގެ ރަސްމީ ދަތުރެއްގައި މިއަދު އިޒްރޭލަށް ވަޑައިގެންފި އެވެ.
މި ދަތުރު މި ކުރައްވަނީ އެމެރިކާ އާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ހިނގައިދާނެކަމުގެ ބިރު ބޮޑުވެ، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގަ އެވެ.
މޯދީއަކީ 2017 ވަނަ އަހަރު އިޒްރޭލަށް ޒިޔާރަތްކުރެއްވި އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރެވެ.
މި ދަތުރުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ދިފާއީ އެއްބާރުލުމާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން މަޝްވަރާކުރައްވާނެ ކަމަށް ބެލެވެ އެވެ. މިއީ އިޒްރޭލުން އެ ގައުމުގެ އަސްކަރީ އުފެއްދުންތައް ބޭރުގެ މާރުކޭޓުތަކަށް ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ވަގުތެއް ވެސްމެ އެވެ. އިޒްރޭލު ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ދަތުރުގެ ސަބަބުން ތަފާތު އެކި ދާއިރާތަކުން އާ ގުޅުންތަކެއް އުފެދި، ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް އުފުލިގެންދާނެ އެވެ.
މި ދަތުރުގައި މޯދީ އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ކްނެސެޓްގައި ތަގުރީރު ކުރައްވާނެ އެވެ.
މި ދަތުރު މި ކުރިމަތިވީ، ނިއުކްލިއާ މަޝްވަރާތައް ހުއްޓިފައިވާ ދަނޑިވަޅެއްގައި، އެމެރިކާއިން އީރާނު ކައިރިއަށް ކަނޑާއި ވައިގެ ސިފައިން ޖަމާކުރަމުންދާތީ، މުޅި ސަރަހައްދުގެ ހަމަޖެހުމަށް ބުރޫއަރައި އިޒްރޭލު ވެސް ހިމެނޭ ގޮތަށް ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވެފައިވާ ވަގުތެއްގަ އެވެ.
"މި ސަރަހައްދުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގުމަކީ އިންޑިއާ އެދޭ ގޮތެއް ނޫން،" އޮބްޒާވާ ރިސާޗު ފައުންޑޭޝަންގެ ކަބީރު ތަނީޖާ ވިދާޅުވި އެވެ.
ނަތަންޔާހޫ ސިފަކުރެއްވި ގޮތުގައި އިންޑިއާއަކީ ހަރުކަށި ފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރާ، އެއްބަސްވާ ގައުމުތަކުގެ މުސްތަގްބަލުގެ އިއްތިހާދެއްގެ ބައެކެވެ. އަދި މިފަދަ އެއްބާރުލުމެއްގެ ސަބަބުން ކުރިމަގު އުޖާލާވެ، ގައުމުގެ ސަލާމަތްތެރިކަން ކަށަވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިންޑިއާއިން ގެންގުޅޭ ވަކި ފަރާތަކަށް ނުޖެހުމުގެ ދިގު މުއްދަތުގެ ސިޔާސަތުގެ ސަބަބުން، އެއްވެސް ރަސްމީ އަސްކަރީ އިއްތިހާދެއްގައި އެ ގައުމުން ބައިވެރިވުމަކީ ދުރު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ