ދިއްފުއްޓަށް ޗުއްޓީއަށް ދިޔަ ބޭރުގެ ފަތުރުވެރިއަކު އިސްލާމްވެއްޖެ
ކ. ދިއްފުއްޓަށް ޗުއްޓީ ހޭދަކުރުމަށް އައި ބޭރުގެ އަންހެން ފަތުރުވެރިއަކު މިއަދު އިސްލާމްދީން ގަބޫލުކޮށް، ޝަހާދަތުގެ ދެކަލިމަ ކިޔައިފިއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އުމުރުން 49 އަހަރުގެ މި އަންހެން ފަތުރުވެރިޔާ އިސްލާމްވީ ދިއްފުށީގެ މިސްކިތެއްގެ ތެރޭގައެވެ. ވީޑިއޯއިން ފެންނަނީ ދިވެއްސަކު އެ ފަތުރުވެރިޔާއަށް ޝަހާދަތް ލައިދޭ މަންޒަރެވެ. އިސްލާމްވީ ވަގުތު އޭނާ ހުރީ ބުރުގާ އަޅައި، ހަށިގަނޑު ނިވާވާނޭ ފަދަ ހެދުމެއްގައެވެ. ޝަހާދަތް ލައިދެމުން ދިޔަ ވަރަކަށް، އޭނާ ދިޔައީ ވަރަށް ފަރުވާތެރިކަމާއެކު އެ އިބާރާތްތައް ތަކުރާރުކުރަމުންނެވެ. އިސްލާމްވުމަށްފަހު އެ އަންހެން މީހާއަށް މިހާރު ދީފައިވާ ނަމަކީ "ޖަމީލާ" އެވެ. އޭނާއަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަން އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް، އޭނާއަށް ޝަހާދަތް ލައިދިން ފަރާތުން ވަނީ މި ހާދިސާ ހިނގާފައިވާކަން "ސަން" އަށް ކަށަވަރުކޮށްދީފައެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވެފައި، ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ފަތުރުވެރިންނަށް ދިވެހިންގެ އިސްލާމީ އާދަކާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ފެނި، އޭގެ ސަބަބުން އިސްލާމްވާ ހާދިސާތައް މީގެ ކުރިން ވެސް މަދުމަދުން ވަނީ ހިނގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ