ކަނޑުމަގުން އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް ހިފަހައްޓައިފި

ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި، 30އަށް ވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި މާލޭގެ ވިޔަފާރި ބަނދަރުން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ކަނޑުމަގުން އައި މުދާތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށް ފައްސި ކަމަށް، ކަސްޓަމްސްއިން ބުންޏެވެ. ބަރުދަނުގައި 36.4 ކިލޯގުރާމު ހުރި މި ތަކެތީގެ މަގުމަތީގެ އަގު 29 މިލިއަން ރުފިޔާއަށްވުރެ ބޮޑު ކަމަށް އެ ޚިދުމަތުން ބުންޏެވެ. https://x.com/CustomsMv/status/2022660362290761989 މި މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން އަދި ސާފެއްނޫނެވެ. ދޭތެރެއަކުން ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނަމަވެސް، އާންމުގޮތެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނީ ވައިގެ މަގުންނެވެ. އެފަދައިން އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި ކަސްޓަމްސްއިން އެތައް ފަހަރަކު ހިފަހައްޓާފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސުޕްރީމް ކޯޓުގެ އިއްތިފާގާ އެކު މަރުގެ އަދަބުދޭން ފާސްކޮށް، ގާނޫނަކަށް ހަދަން މަޖިލީހުން ފާސްކުރީ މިދިޔަ ޑިސެންބަރު މަހުގެ ތިންވަނަ ދުވަހެވެ. އޭގެ ތިން ދުވަސް ފަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ބަދަލު ތަސްދީގުކުރައްވައިފައެވެ. އެހެންކަމުން މިހާރު ގާނޫނުގައިވާ ގޮތުން، ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް 500 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭނެއެވެ. ބިލުގެ ޖަދުވަލު އެކެއްގައި ހިމެނެނީ، މަަނާކޮށްފައިވާ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް ނުވަތަ މާއްދާއެއް އެކުލެވޭ ނުވަތަ ހިމެނޭ އެއްޗިއްސެވެ. ޖަދުވަލު ދޭއްގައި ހިމެނެނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް އެކުލެވިގެން ތައްޔާރުކުރާ އުފެއްދުންތަކެވެ. އަދި، ޖަދުވަލު ތިނެއްގައި ހިމެނެނީ، މަަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އާލާތްތަކާއި އެއްޗެއްސާއި ކެމިކަލް ނުވަތަ މާއްދާތަކެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމެވެ. ނުވަތަ 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އެއްވެސް ރަހުމެއް ނުވަތަ އިސްތިސްނާއެއް ނޯންނާނެ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙުސާން މީގެ ކުރިން ލިޔުއްވާފައިވެއެވެ. ނަމަވެސް، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ރާއްޖޭގައި ދެވޭނެ ކަމާ މެދު ސުވާލު އުފައްދައި ސިޔާސީ ބައެއް ބޭފުޅުން ފާޑުވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ޢަބްދުالله ޔާމީނާއި އެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ