ރިޓަޔަރކުރާ ފުލުހުންގެ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް

ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއި އެކު ރިޓަޔަރވާ ފަރާތްތަކަށް ދޭ އިނާޔަތް ހިސާބުކުރުމުގާއި މިހާރު ގެންގުޅެމުންދާ ލިމިޓް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އެފަދައިން ވިދާޅުވީ ފުލުހުންގެ 39 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ފުލުހުންގެ ދިރިއުޅުން ފަހިކޮށްދިނުމަށާއި، ފުލުހުންނަށް އާ ފުރުސަތުތައް ހޯދާދިނުމަށް ސަރުކާރުން އިސްކަންދެއްވާކަމަށް ކޮމިޝަރނަރ ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ޚާއްސަ ނަޒަރަކުން ފުލުހުންނާއި މެދު ބައްލަވާ، ފުލުހުން އެދޭ ފަދަ އުއްމީދީ ބަދަލުތައް އެ އިދާރާއަށް ގެންނަވަމުންދާ ކަމަށް ވެސް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ.
"ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއި އެކު ދޭ އިނާޔަތްތައް ހިސާބުކުރުމުގައި އޮތް ލިމިޓު ބަދަލުކުރުމަށް ނިންމާފައިވާކަމުގެ އުފާވެރި ޚަބަރު. ހަމައެއާއި އެކު އެ ފުުލުހުން ޚިދުމަތްކޮށްފައިވާ މުއްދަތަށް ބަލާ، ލިބޭ އިނާޔަތްތައް ހަމަޖައްސާދިނުމުގައި ޚިދުމަތުގައި 25 އަހަރު ވުމަށް ފަހު ޚިދުމަތުގައި ދެމިހުރި ފުލުހެކޭ އެއްފަދައިން ބޭސްފަރުވާ ހަމަޖައްސާދިނުމަށް މިހާރު ވަނީ ނިންމާފައި." ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން އަބަދުވެސް އެންމެ އިސްކަން ދިނީ ރައްޔިތުންނަށް މުހިންމު މަސައްކަތްތައް ކޮށްދިނުމަށްކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ފުލުހުން ހަރަކާތްތެރިވާނީ އެ ޚިދުމަތަށް އާއްމުންގެ އިތުބާރާއި ޔަޤީންކަން ލިބޭނެ ގޮތަށް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވަސީލަތްތައް އިތުރުކުރުމާއި، މީހުން ތަމްރީންކުރުން ފަދަ މަސައްކަތްތަކަށް އެ އިދާރާއިން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. ފުލުހުންގެ މަސައްކަތްތައް ހިންގުންތެރިކަމާއި އެކު ކުރިއަށް ގެންދިއުމަށާއި، ފުލުހުންގެ ޚިދުމަތް ރާއްޖެ އަށް ފުޅާކުރުމަށް މަސައްކަތްކުރުން މަތީ އެ އިދާރާ ދެމިއޮންނާނެކަމުގެ ޔަޤީންކަން ކޮމިޝަނަރ ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ