އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީ ދައުރުކުރުމާއި، އެ ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް އެއްވެސް ތަނެއްގައި ނުދެއްކުމަށް އަންގައި ހުރިހާ ރައްޔިތުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަނގަ ބަންދުކުރުމުގެ އަމުރު (ގެގް އޯޑަރު)، ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަ ބަންދުކުރުމުގެ އަމުރުގެ އިސްތިއުނާފު މައްސަލައިގެ ތެރެއަށް ބާ ކައުންސިލުން ތަދައްހުލުވާން އެދި ހައި ކޯޓަށް ހުށަހަޅައިފި އެވެ.
މި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރީ މި ޑޮކިއުމެންޓްރީ މައްސަލައިގައި ޖިނާއީ ދައުވާ އުފުލާފައިވާ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާގެ ހެނދުނުގެ 9:00 އަށެވެ.
ބާ ކައުންސިލުން މައްސަލައިގެ ތެރެއަށް ތަދައްހުލުވިއިރު، މީގެ ކުރިން އެ ކައުންސިލުން ވަނީ ނޫސްވެރިންގެ ހައްގަށް ހުރަސް އެޅެމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި މައްސަލައިގައި ތަދައްހުލުވާން އެދި ހުށަހެޅިކަން ހާމަކުރަމުން ވެސް ބާ ކައުންސިލުން ތަކުރާރުކުރީ މި ކަންބޮޑުވުންތަކެވެ. އަދި ބުނީ، ޑިއު ޕްރޮސެސް އާއި މީޑިއާ، ހިޔާލުފާޅުކުރުމުގެ އަސާސީ މިނިވަންކަމާއި، އެންމެންނަށް މައުލޫމާތު ހޯދުމުގެ ހައްގު ދިފާއުކޮށް ދެމެހެއްޓުމުގައި އެ ކައުންސިލު ދެމިއޮންނާނެ ކަމަށެވެ.
ރާއްޖޭގައި ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވެ، އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ލިބިދޭ އަސާސީ ހައްގުތަކަށް ހުރަސްއެޅޭތީ ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ވަކިން ހާއްސަކޮށް، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ނޫސްވެރިންނަށް ފިޔަވަޅު އެޅުމުގައި ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމަށް ފުރުސަތު ނުދޭ މައްސަލަ އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ހުރިހާ ރައްޔިތުންނަށް ރައްދުވާ ގޮތަށް ކްރިމިނަލް ކޯޓުން ނެރުނު މި އަމުރާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ކޯޓަށް އަމާޒުވެފައިވާއިރު، ގާނޫނީ މާހިރުން ވަނީ މި އަމުރުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދާފަ އެވެ. ވަކިން ހާއްސަކޮށް، ޝަރީއަތުގައި ހިމެނޭ ހަސްމުންގެ އިތުރުން މުޅި ރައްޔިތުންގެ މައްޗަށް މިފަދަ އަމުރެއް ހިންގުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ފުށުއަރާ ކަމެއްގެ ގޮތުގައި ގާނޫނީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވަ އެވެ.
އައިޝާ ޑޮކިއުމަންޓްރީއަކީ ރައީސް މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފަކާ ކައިވެނިން ބޭރުން ގުޅުމެއް ބޭއްވެވި ކަމުގެ ތުހުމަތުތަކެއް ރައްދުވާ ޑޮކިއުމެންޓަރީއެކެވެ. އެ ޑޮކިއުމަންޓްރީގައި ހިމެނޭ ކަންކަން މުއިއްޒު ދޮގުކުރައްވަ އެވެ.
ޑޮކިއުމަންޓްރީ ޕަބްލިޝްކުރުމާ ގުޅިގެން ފިޔާޒް އަދި ހަސަންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި އެމީހުންގެ މައްޗަށް ގަޒުފުގެ ދައުވާ ވަނީ އުފުލާފަ އެވެ. އެ މައްސަލައިގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. މައްސަލައާ ގުޅިގެން މި ނޫހުގެ އޮފީސް ރެއިޑްކޮށް، ގިނަ އަދަދެއްގެ ސާމާނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
މީގެއިތުރުން ޑޮކިއުމަންޓްރީގައި ބަޔާންކޮށްފައިވާ ގޮތަށް ރައީސް އޮފީހުގެ މުވައްޒަފަށް މުއިއްޒު 58 ފަހަރު ގުޅުއްވީ ކޮން ބޭނުމެއްގައިކަން ސާފުކޮށްދޭން އެމަނިކުފާނާ ލައިވް ޓީވީގައި އަދަދުގެ މުހައްމަދު ޝަހުޒާން ސުވާލުކުރުމުން، އޭނާ ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމާ 15 ދުވަހަށް ޖަލަށްލި އެވެ. އަދި ކޯޓު އަމުރުގެ ހަބަރު ލިޔުނު ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް 10 ދުވަހަށް ޖަލަށްލި އެވެ.
އައިޝާ ޑޮކިއުމެންޓްރީ މަނާކުރި ގެގް އޯޑަރުގެ މައްސަލައަށް ބާ ކައުންސިލުން ވަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ