ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 28) - ފީފާ އިން މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް، 48 ގައުމުގެ މެދުގައި ކުރިއަށްގެންދަން ނިންމައި، މުބާރާތުގެ ފުރަތަމަ 72 މެޗާ އެކު، ގްރޫޕް ސްޓޭޖުގެ ކުޅުން ނިމުނުއިރު، އެންމެ ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ބައްރަކަށް އެފްރިކާ ވެއްޖެ އެވެ.
އެ ގޮތުން، މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރާ ނޮކައުޓް ބުރުގެ ކުޅުން ފަށާއިރު، އެފްރިކާ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު 10 ޓީމުގެ ތެެރެއިން ނުވަ ޓީމެއް މި ބުރުގައި ކުޅޭނެ އެވެ. މިއީ، ވޯލްޑް ކަޕްގައި ކުޅުނު އެފްރިކާ ޓީމުތަކުގެ ނިސްބަތަށް ބަލާއިރު، އެފްރިކާ 90 ޕަސެންޓް އެވެ.
އެ ގޮތުން، ނޮކައުޓްގައި ކުޅޭނެ އެފްރިކާ ޓީމުތަކަކީ، ދެކުނު އެފްރިކާ، މޮރޮކޯ، ސެނެގާލް، އައިވަރީ ކޯސްޓް، ކޮންގޯ، ކޭޕް ވާޑް، މިސްރު، އަލްޖީރިއާ އަދި ގާނާ އެވެ. މީގެ ތެރެއިން ކޭޕް ވާޑް އަކީ މުޅިން އަލަށް ވޯލްޑް ކަޕްގައި ވާދަކުރާ ގައުމެކެވެ.
ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭގޮތުގައި، މި ފަހަރުގެ ވޯލްޑް ކަޕްގައި އެފްރިކާގެ ކުރިއެރުން ފެންނަ މައިގަނޑު ސަބަބަކީ، ފޯމެޓް އޮތްގޮތުން ރަނގަޅު ލެވަލަށް ތައްޔާރުވެގެން މެޗުތަކުަގައި ކުޅެން ލިބުމާއި، ފާއިތުވި އަަހަރުތަކުގައި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ. ވާދަވެރިކަން ވެސް ރަނގަޅު ފެންވަރަކަށް މައްޗަށް ދަމުން އަންނާތީ އެވެ.
ދެ ވަނަ އަށް އެންމެ ނަތީޖާ ރަނގަޅު ބައްރަކަށް އޮތީ ދެކުނު އެމެރިކާ އެެވެ. ދެކުނު އެެމެރިކާ އިން ވޯލްްޑް ކަޕްގައި ވާދަކުރި ހަ ގައުމުގެ ތެރެއިން، އުރުގުއޭ ފިޔަވައި ބާކީ ފަސް ގައުމު ވެސް ގަދަ 32 ގައި ކުޅޭނެ އެވެ. އެއީ، ބްރެޒިލް، އާޖެންޓީނާ، ކޮލަމްބިއާ، އެކުއެޑޯ އަދި ޕެރަގުއޭ އެވެ. ޕަސެންޓަށް ބަލާއިރު، ދެކުނު އެމެރިކާ އިން ވޯލްޑް ކަޕްގައި ފެނުނު ގައުމުތަކުގެ ތެެރެއިން، 83 ޕަސެންޓް ނޮކައުޓް ބުރުގައި ވެސް ފެންނާނެ އެވެ.
ވޯލްޑް ކަޕުން އެންމެ ގިނަ ސްލޮޓް ލިބެނީ ޔޫރަަޕަށެވެ. އެ ގޮތުން، ޔޫރަޕުން 16 ގައުމެއް މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނުއިރު، އޭގެ ތެރެއިން 13 ޓީމެއް ނޮކައުޓްގައި ކުޅޭނެ އެވެ. އެއީ، މުބާރާތުގައި ކުޅުނު ޔޫރަޕްގެ އަދަދަށް ބަލާއިރު، 81 ޕަސެންޓް އެވެ. ނޮކައުޓް ބުރުގައި ފެންނާނެ ޔޫރަޕްގެ ޓީމުތަކަކީ، ޖަރުމަނު، ފްރާންސް، ސްވިޑެން، ނެދަލެންޑްސް، ޕޯޗުގަލް، ކްރޮއޭޝިއާ، ސްޕެއިން، އޮސްޓްރިއާ، ބޮސްނިއާ، ބެލްޖިއަމް، ނޯވޭ، އިންގްލެންޑް އަދި ސްވިޒަލެންޑް އެވެ.
އުތުރު އެމެރިކާ އިން ބަލާއިރު، ވާދަކުރި ހަ ގައުމުގެ ތެރެއިން ތިން ގައުމަށް ނޮކައުޓުން ޖާގަ ލިބުނެވެ. އެއީ، މުބާރާތް ހޯސްޓްކުރާ ތިން ގައުމު ކަމަށްވާ އެެމެރިކާ، މެކްސިކޯ އަދި ކެނަޑާ އެވެ. މިއީ، ކެނަޑާ އިން ނޮކައުޓްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އުތުރު އެމެރިކާ އިން ނޮކައުޓްގައި ކުޅޭ ތިން ޓީމާ އެކު، އެ ޓީމަށް ގަދަ 32 އިން ފުރުސަތު ލިބިފައިވާ އެ ސަރަހައްދުން ވާދަކުރި ޓީމުތަކުގެ ނިސްބަތަކީ 50 ޕަސެންޓް އެވެ.
އޭޝިއާ އިން މި ފަހަރު ނުވަ ގައުމެއް ވަނީ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އެކަމަކު، ގަދަ 32 ޓީމު ކުޅޭ ނޮކައުޓްގެ ފުރަތަމަ ބުރުން، ފެންނާނެ އޭޝިއާގެ ދެ ގައުމަކީ ޖަޕާން އާއި އޮސްޓްރޭލިއާ އެވެ. މިއީ، އޭޝިއާ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ގައުމުތަކުގެ އަދަދަށް ބަލާއިރު، 22 ޕަސެންޓް އެވެ.
އޯޝެނިއާ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނީ ނިއު ޒީލެންޑް އެކަންޏެވެ. އެ ޓީމު ވަނީ ވާދަކުރި ގްރޫޕްގެ ފުލަށް ދިއުމުން މުބާރާތުން ކަޓައިފަ އެވެ.
48 ގައުމުގެ ފީފާ ވޯލްޑް ކަޕްގެ ބޮޑު ފައިދާ އެފްރިކާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ