ގެގް އޯޑަރުގެ އިސްތިއުނާފު އަޑުއެހުން ސިއްރު

'އަދަދު' ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރުގެ އިސްތިއުނާފު އަޑުއެހުން ސިއްރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު 9 ޖަހާއިރަށް ހައި ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.
ތަފްސީލް - އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ 'އަދަދު' ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އެވެ. އޭގެ ކުރިން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ގެގް އޯޑަރު ބާތިލްކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އެމްޖޭއޭއަށް އެ އަމުރު އިސްތިއުނާފްކުރުމުގެ ހައިސިއްޔަތެއް ނެތް ކަމަށް ބުނެ ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ.
މާދަމާ އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު އެ މައްސަލައަށް ބާ ކައުންސިލުން ވެސް ވަނީ ތަދައްހުލުވެފަ އެވެ.
ބާ ކައުންސިލުން މިއަދު ބުނީ އެ މައްސަލައަށް ތަދައްހުލު ވުމަށް މިއަދު ކޯޓަށް ހުށަހެޅީ ޑިއު ޕްރޮސެސް އާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އަދި މީޑިއާގެ މިނިވަންކަމާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދިފާއުގައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.
ގުޅުން ހުރި - ޑޮކިއުމެންޓްރީގައި ހުރި ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުމަށް ކްރިމިނަލް ކޯޓުން އަނގަ ބަންދުކުރުމުގެ އަމުރު ނެރުނު ފަހުން، 'އަދަދު' ނޫހުގެ ދެ ނޫސްވެރިޔަކު ކޯޓު އަމުރާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި ޖަލުގައި ބަންދު ވެސް ކުރި އެވެ.
ޑޮކިޔުމެންޓްރީގެ މައްސަލާގައި 'އަދަދު'ގެ ސީއީއޯ ފިޔާޒާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާކޮށްފައިވާ އިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވަނީ ތަހުގީގަށް ބަޔާން ނަގަން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް، ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ