އިސްތިއުފާއެއް ނުދޭނަން، ވަކި ކުރަން ޖެހޭނީ ގައުމީ މަޖިލިސް ބައްދަލުވުމެއްގެ ވޯޓަކުން: ޣަފޫރު

އެމްޑީޕީގެ އެތެރޭގެ މައްސަލަތަކުގެ ތެރެއިން، ވަގުތީ ޗެއާޕާސަންކަމުގެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ޕެޓިޝަން ލިބިފައިވާކަމަށާއި، މަގާމުން އިސްތިއުފާ ނުދޭނެކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކާއި އެކު އެމްޑީޕީގެ އެތެރޭގެ މައްސަލަތައް އަނެއްކާވެސް ވަނީ ގޯސްވެފަ އެވެ. ޕާޓީއަށް ލިބުނު ކާމިޔާބީއަކީ އެއީ ރައީސް މުހައްމަދު ނަޝީދުގެ މަސައްކަތްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދަނިކޮށް، އެމަނިކުފާނާއި ދެކޮޅަށް އެހެން ބަޔަކު ވެސް ވަނީ ނިކުމެ މިއީ ވަކި މީހެއްގެ މަސައްކަތެއް ނޫންކަމަށް ބުނެފަ އެވެ. އަދި ބޮޑު ދެ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ލިބުނު މި ކާމިޔާބީއަކީ ވަކި ބޭފުޅެއްގެ އެނބުރި އައުމާއި ގުޅިފައިވާ މޮޅެއް ނޫންކަމަށް ވެސް ބުނެފައި ވެއެވެ.
މި މައްސަލަތައް އިތުރަށް ގޯސްވީ، ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީ ބޭއްވި ޖަލްސާގައި ރައީސް ނަޝީދާއި، ކުރީގެ ޗެއާޕާސަން ވާހަކަ ދައްކަވާ ގޮތަށް ހަމަޖައްސައި އެކަން އެންގެވުމަށް ފަހު ކުއްލި ގޮތަކަށް އެޖެންޑާއަށް ބަދަލު ގެނައިކަމަށް ބުނެ އެވެ. ޣަފޫރު ވިދާޅުވާ ގޮތުގައި އެރޭގެ ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް، އެދިވަޑައިގަތީ އެ ދެބޭފުޅުން އަމިއްލައަށެވެ. އަދި އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރިކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަން ދޮގު ކުރާ މެމްބަރުން ވިދާޅުވާ ގޮތުގައި، ދެ ބޭފުޅުންނަށް ވެސް ގުޅުއްވައި ސްޕީޗު ތައްޔާރު ކުރުމަށް އެންގެވީ ޣަފޫރެވެ.
ޣަފޫރުގެ އިތުބާރު ނެތްކަމަށް މަސައްކަތް ފެށުނީ، ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އިބްރާހިމް ވަހީދު (އިބްރޭ) އާއި ލީގަލް އެޑްވައިޒަރުގެ މަގާމުން މައުރޫފް (މާއްޓޭ) ވަކި ކުރުމާއި އެކު އެވެ. އަދި ރޭ ޣަފޫރު މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށައި މިއަދު ޕެޓިޝަން ހުށަހެޅީ ގައުމީ މަޖިލީހުގެ 55 މެމްބަރުންގެ ސޮޔާއި އެކު އެވެ.
އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ސުވާލު ކުރުމުން، ޣަފޫރު ”ސަންގު“ އަށް ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށެވެ. އަދި ވޯޓަކަށް ގޮސް ވަކި ކުރާނަމަ އެކަމަށް ތައްޔާރުކަމަށް ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވީ އޭނާ ޗެއާޕާސަންގެ މަގާމަށް އައީ ވެސް ގައުމީ މަޖިލީހުގެ މެމްބަރުންގެ ވޯޓުން ކަމަށެވެ. އެހެންކަމުން ވަކި ކުރަން ޖެހޭނީ ވެސް ހަމަ އެ އަޣުލަބިއްޔަތުގެ ތެރެއިން ވޯޓެއް ނަގައިގެންކަމަށް ޣަފޫރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ