މޮރޮކޯގައި އިމާރާތެއް ވެއްޓި ހަތަރު މީހަކު މަރުވެއްޖެ

މޮރޮކޯގެ ފެޒްގެ އައިން ނޮކްބީ ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ އިމާރާތެއް ވެއްޓި، ހަތަރު މީހަކު މަރުވެއްޖެއެވެ.
މޮރޮކޯގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މީހުން ދިރިއުޅޭ އަވަށެއް ކަމަށްވާ ހަނާން އަލް ގެރާންދީގައެވެ. ފުރަތަމަ ލިބުނު ރިޕޯޓުތަކުގައި ދެ މީހަކު މަރުވި ކަމަށް ބުނެފައިވީ ނަމަވެސް، ކޮނުމުގެ މަސައްކަތް ކުރިއަށްދިޔަ ވަރަކަށް މަރުވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރައިފައެވެ. އިމާރާތުގެ ކުނިބުނިތަކުގެ ދަށުގައި އިތުރު ބަޔަކު ތާށިވެފައި ތިބެދާނެތީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.
ވެއްޓިފައިވަނީ 5 ނުވަތަ 6 ބުރީގެ އެޕާޓްމަންޓް ބްލޮކެކެވެ. މީޑިއާތަކުން ބުނާގޮތުގައި އިމާރާތުގެ ޓެރަސްމަތީގައިވެސް މީހުން ދިރިއުޅޭ ކުޑަ ބައެއް ހަދާފައި ހުއްޓެވެ. މި އިމާރާތް ކުއްލިއަކަށް ވެއްޓުމާ ގުޅިގެން ސިފައިންނާއި، ފުލުހުންގެ އިތުރުން ސިވިލް ޕްރޮޓެކްޝަން ޓީމުތަކުން ވަނީ ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފައެވެ. ނަމަވެސް އެ އަވަށުގެ މަގުތައް ހަނިވެފައި މީހުން ގިނަވުމުގެ ސަބަބުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
ސިވިލް ޕްރޮޓެކްޝަންގެ ޓީމުތަކުން ހާއްސަ މެޝިނަރީތަކާއި ދިރިހުރި މީހުން ހޯދާ ސިގްނަލް ޑިވައިސްތައް ބޭނުންކޮށްގެން ކުނިތައް ނެގުމުގެ މަސައްކަތް ކުރަމުންދާ އިރު، ކައިރީގައި ހުރި އެހެން އިމާރާތްތަކަށް ގެއްލުންވެދާނެތީ އެ ތަންތަން ވެސް މިހާރު ވަނީ ރައްކާތެރިކޮށްފައެވެ. މި ހާދިސާގައި އަނިޔާވި މީހުންނަށް ފެޒްގެ ޔުނިވާސިޓީ ހޮސްޕިޓަލް ސެންޓަރުގައި ދަނީ ފަރުވާދެމުންނެވެ.
މި އިމާރާތް ވެއްޓެން ދިމާވި ސަބަބު ހޯދުމަށާއި އިމާރާތް ކުރުމުގެ ސަލާމަތީ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތަހުގީގެއް ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ