ދުނިޔޭގެ ބޮޑެތި ގައުމުތަކުން އިސްރާއީލުގެ ސަފީރުން ހާޒިރުކުރަން ފަށައިފިއެވެ.
މި ގައުމުތަކުން މިކަން ކުރަން ނިންމީ އެހީގެ ސާމާނާއެކު ދަތުރުކުރި ”ގްލޯބަލް ސުމޫދު ފްލޯޓިލާ“ ގެ އެކްޓިވިސްޓުންނަށް އިސްރާއީލުން ކުރި އިހާނެތި އަމަލުތަކާ ގުޅިގެންނެވެ.
ފާޑުކިއުންތަކާއި ކުށްވެރިކުރުންތަކާއެކު އިސްރާއީލަށް ބައިނަލްއަގުވާމީ ޕްރެޝަރު ކުރިމަތިވާން ފެށީ، އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ސޯޝަލް މީޑިއާގައި ބުދަ ދުވަހު އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަނީ ދެއަތް ފަހަތަށް ބަނދެ، ބިމަށް ކަކޫޖައްސުވާފައި ތިބި އެހީގެ ހަރަކާތްތެރިންނަށް ބެން-ގްވީރު މަލާމާތްކޮށް ފުރައްސާރަކުރާ މަންޒަރެވެ.
މި ވީޑިއޯއާ ގުޅިގެން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބެން-ގްވީރުގެ އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނޭ އިޓަލީގެ ރައްޔިތުންނާ މެދު އިންސާނީ ކަރާމާތް ގެއްލޭ ފަދަ ގޮތަކަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. ފްރާންސްގެ ފޮރިން މިނިސްޓަރު ޜޯން-ނޮއެލް ބަރޯވެސް ވަނީ މިއީ ”ބަލައިގަނެވޭނެ ކަމެއް ނޫން“ ކަމަށް ވިދާޅުވެ، ފްރާންސްގެ ރައްޔިތުން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވައިފައެވެ.
މީގެ އިތުރުން ކެނެޑާގެ ފޮރިން މިނިސްޓަރު އަނީތާ އާނަންދު މި ހާދިސާ ސިފަކުރެއްވީ ”އިންތިހާއަށް ކަންބޮޑުވާ“ ކަމެއްގެ ގޮތުގައެވެ. އަދި އޮޓާވާއަށް އިސްރާއީލުގެ ސަފީރު ހާޒިރުކުރާނެ ކަމަށް ވިދާޅުވެ، މިއީ އިންސާނީ ހައްގުތަކާ ގުޅުންހުރި ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވިއެވެ. ނެދަލޭންޑްސްގެ ފޮރިން މިނިސްޓަރު ޓޮމް ބެރެންޑްސަން ވެސް ވިދާޅުވީ ބެން-ގްވީރުގެ އަމަލުތަކަކީ އިންސާނީ ކަރާމާތުގެ އަސާސްތަކާ ހިލާފު ކަމެއް ކަމަށާއި، އެ ގައުމުންވެސް ސަފީރު ހާޒިރުކުރާނެ ކަމަށެވެ.
އަދި ހަމައެއާއެކު، ދެކުނު ކޮރެއާގެ ރައީސް ލީ ޖައެ މިއުންގް ވަނީ އިސްރާއީލުގެ އަމަލުތަކަކީ ”ގާނޫނީ ހަމަތަކުން ބޭރު“ އަމަލުތަކެއް ކަމަށް ވިދާޅުވެފައެވެ. ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މެނުއަލް އަލްބަރޭސް މި އަމަލު ސިފަކުރެއްވީ ”ލާއިންސާނީ“ ކަމެއްގެ ގޮތުގައެވެ. އަދި އަޔަލޭންޑްގެ ފޮރިން މިނިސްޓަރު ހެލެން މެކްއެންޓީ ވިދާޅުވީ އެ މަންޒަރުތަކުން ބޮޑު ސިހުމެއް ލިބިވަޑައިގެންނެވި ކަމަށެވެ. އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ ވިދާޅުވީ ބެން-ގްވީރު އެ ވީޑިއޯ އާންމުކުރުމުން އޭނާގެ ގައުމުގެ އަބުރަށް ހުތުރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ޕޯޗުގަލް، ސްވިޑަން، ސްވިޓްޒަލޭންޑް، ގްރީސް، ޖަރުމަނުވިލާތް، ޕޮލެންޑް، ގަތަރު، ސްލޮވީނިއާ، ތުރުކީ، އޮސްޓްރިއާ، ބެލްޖިއަމް، ކޮލަމްބިއާ، އަދި އިނގިރޭސިވިލާތުން ވެސް ވަނީ އިސްރާއީލުގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އިސްރާއީލުން ވަނީ ޖުމްލަ 430 އެކްޓިވިސްޓުން ހައްޔަރުކޮށް، އެ ގައުމަށް ގެންގޮސްފައެވެ. މީގެ ތެރެއިން މަދުވެގެން 87 މީހަކު މިހާރު ވަނީ ޣައްޒާގެ ރައްޔިތުންނާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި 9،500 އަށްވުރެ ގިނަ ފަލަސްތީނުގެ އަސީރުންނާ ބައިވެރިވުން ހާމަކުރުމުގެ ގޮތުން ބަނޑުހައިހޫނުކަމުގެ އިހުތިޖާޖެއް ފަށައިފައެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އިންޑޮނޭޝިޔާގެ 9 ރައްޔިތަކާއި، އަޔަލޭންޑްގެ ރައީސް ކެތުރިން ކޮނޮލީގެ ކޮއްކޮ، ޑރ. މާގްރެޓް ކޮނޮލީ ހިމެނޭހެން އަޔަލޭންޑްގެ 15 ރައްޔިތަކު ހިމެނެއެވެ. ރާއްޖެ، ޖޯޑަން، ޕާކިސްތާން، ބަންގްލަދޭޝް، ބްރެޒިލް، އަދި ލީބިޔާ ފަދަ ގައުމުތަކުން ވަނީ އިސްރާއީލުގެ މި އަމަލަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު ”ލަދުކުޑަ ޖަރީމާއެއް“ ކަމަށް ބުނެ ކުށްވެރިކޮށްފައެވެ. ނަމަވެސް އެމެރިކާއިން ވަނީ އެއްވެސް ހެއްކެއް ނެތި، އިންތިޒާމުކުރާ ފަރާތްތަކުން މަސައްކަތް ކުރަނީ ހަމާސްއަށް ތާއީދުކޮށްގެން ކަމަށް ބުނެ، މި ފްލޮޓިލާގެ ހަތަރު އެކްޓިވިސްޓަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުން އިސްރާއީލުގެ ސަފީރުން ހާޒިރުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ